07 ޖެނުއަރީ 2024 - 08:59

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގައި ސީޕްލޭން އެންމެ ގިނަ ދަތުރުކުރުމުގެ އާ ރެކޯޑެއް ގާއިމުވެފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ޓީއެމްއޭ، މޯލްޑިވިއަން އަދި މަންޓާ އެއާގެ 649 އެއާޓްރެފިކް މޫވްމަންޓްސް މިދިޔަ އަންގާރަ ދުވަހު ރެކޯޑުކުރެވިފައިވާ ކަމަށެވެ.
މިއީ އެއް ދުވަހަކު، އެންމެ ގިނަ އަދަދަކަށް ސީޕްލޭން ދަތުރުތައް ރެކޯޑު ކުރެވުނު ދުވަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސީޕްލޭން މޫވްމަންޓްސް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގައި 629 ސީޕްލޭން ދަތުރު ރެކޯޑުކޮށްފައިވެ އެވެ.
އެ ދުވަހު އެހެން މަތިންދާބޯޓުތަކާ އެކު 839 ފްލައިޓު މޫވްމަންޓު ވެލާނާ އެއާޕޯޓުގައި ވަނީ ރެކޯޑްކޮށްފަ އެވެ.
އެއް ދުވަހުގެ ތެރޭގައި ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ގާއިމުކޮށްފައި މިވަނީ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށެވެ.
މިދިޔަ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު އެ އަދަދު ދެ މިލިއަނަށް އަރުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒުހިފައިފަ އެވެ.
މުޅި ދުނިޔޭގައި ވެސް ރާއްޖެއަކީ ސީޕްލޭންގެ އެންމެ ބޮޑު ފްލީޓު އޮޕަރޭޓްކުރާ ގައުމެވެ.