ޔުނައިޓެޑުގައި މަޑުކުރާނެކަން ޔަގީނެއް ނޫން: އިބްރަހިމޮވިޗް
ޔުނައިޓެޑުގައި މަޑުކުރާނެކަން ޔަގީނެއް ނޫން: އިބްރަހިމޮވިޗް

މެންޗެސްޓާ (ފެބްރުއަރީ 13) – މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ކަމަށާއި އެކަމަކު ކުރިމަގާ ބެހޭގޮތުން އެއްވެސް ގޮތެއް ނުނިމޭ ކަމަށް އެ ޓީމުގެ ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ފޯވާޑް ވަނީ މިހާތަނަށް 20 ގޯލް ޖަހައިފަ އެވެ. އޭނާގެ ކޮންޓްރެކްޓް އިތުރުކުރުމުގެ ފުރުސަތު މިހާރުގެ ކޮންޓްރެކްޓުން ލިބޭއިރު ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ އޭނާ ކޮންޓްރެކްޓް އާކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"ކުރިމަގާ މެދު އަދި ގޮތެއް ނުނިންމޭ. ހިނގާ ބަލަމާ ވާނެ ގޮތެއް،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗުގެ މޮޅު ކުޅުމާ އެކު ލީގު ކަޕުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދާފައިވާއިރު އެ ޓީމު އޮތީ އެފްއޭ ކަޕުގެ ފަސް ވަނަ ބުރުގަ އެވެ. މީގެ އިތުރުން އެ ޓީމު ވަނީ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާއިރު އިބްރަހިމޮވިޗް ބުނީ ލީގު ކަޕް ވެސް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"އެއް ތަށި ލިބިއްޖެ. ދެ ވަނަ ތަށްޓެއް ވެސް ލިބޭނެ. އަހަރެމެންނަށް އެބައޮތް ޔުރޮޕާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ވެސް ފުރުސަތު. ޕްރިމިއާ ލީގު ނުލިބުނަސް އަނެއް ތިން ތަށި ހޯދަން މަސައްކަތްކުރާނަން،" އިބްރަހިމޮވިޗް ބުންޏެވެ.

މިއީ އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ޕްރިމިއާ ލީގުގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. އޭނާ ވަނީ މީގެ ކުރިން ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އަދި ފްރާންސުގެ ޕީއެސްޖީގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ކުޅުނު ކޮންމެ ޓީމަކާ އެކު ވެސް ލީގު ކާމިޔާބުކޮށްފައިވާއިރު ނުލިބޭ ހަމައެކަނި ތަށްޓަކީ ޗެމްޕިއަންސް ލީގެވެ.