13 ޖޫން 2016 - 08:10

އީސާގެފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް މީގެ 12 އަހަރުން ކުރިން ގެނެސްދިން ފިލްމް "ޕެޝަން އޮފް ދަ ކްރިސްޓް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މެލް ގިބްސަން ލިޔެ ޑައިރެކްޓް ކުރި އެ ފިލްމުގެ ސީކްއެލްއެއް ހަދަން ނިންމާފައިވާކަން ސްކްރީން ރައިޓަރު ރަންޑާލް ވެލަސް ވަނީ ޔަގީންކޮށް ދީފަ އެވެ.

ގިބްސަންގެ "ބްރޭވްހާޓް" ގެ ސްކްރީންޕްލޭ ލިޔެގެން 1995 ވަނަ އޮސްކާ އަށް ވެސް ނޮމިނޭޓްވި ވެލަސް ބުނީ އޭނާ އާއި ގިބްސަން މިހާރު ވަނީ "ޕެޝަން އޮފް ދަ ކްރިސްޓް" ގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކޮށް، ނިންމުމަކާ ހަމައަށް އައިސްފައި ކަމަށެވެ.
އަދި އޭގެ ސްކްރީންޕްލޭގެ މަސައްކަތް ފަށައިފައިވާކަން ވެސް ވެލަސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
"ޕްރިކްއަލް އަކީ މި ވާހަކައިގެ ފެށުމެއް. އެހެންވީމާ ޕެޝަން އޮފް ދަ ކްރިސްޓްގެ ސީކްއެލްވެގެން ދާނީ ވަރަށް މުހިއްމު ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމަކަށް،" 2014 ވަނަ އަހަރު "ހެވެން އިޒް ފޮ ރިއަލް" ޑައިރެކްޓް ކުރި ވެލަސް ބުންޏެވެ. "އަހަރެން އެ ފިލްމް ބެލި ފަހުން އަބަދު ވެސް މި ހުންނަނީ އެ ވާހަކަ ކުރިއަށް ގެންދަން ބޭނުންވެފައި. އެކަން ހަގީގަތަކަށް މި ވަނީ."
"ޕެޝަން އޮފް ދަ ކްރިސްޓް"ގެ ސީކްއެލްއަކަށް ތައްޔާރުވަމުން އަންނަ އިރު، ވެލަސް އާއި ގިބްސަން ގުޅިގެން ލިޔެ، ގިބްސަން ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމް "ހެކްސޯ ރިޖް" މި އަހަރުގެ ނޮވެމްބަރު ހަތަރެއްގައި ސިނަމާތަކަށް އަންނާނެ އެވެ.
ތިރީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްފަދައި 2004 ގައި ރިލީޒްކޮށް، 612 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޕެޝަން އޮފް ދަ ކްރިސްޓް" ގެ ސީކްއެލްއެއް ހަދާ ވާހަކަ ވެލަސް ޔަގީންކޮށް ދިން ނަމަވެސް، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ގިބްސަން އަދި ބޭނުމެއް ނޫނެވެ.
އޭގެ ސީކްއެލްއެއް ބެލުންތެރިންނާ ހަމައަށް އަތުވެދާނެތޯ ބެލުންތެރިންގެ ފަރާތުން ވަރަށް ގިނަ ފަހަރު ގިބްސަން އަށް ސުވާލުތައް ވެސް ކުރިމަތިވެފައިވެ އެވެ.
އެކަމާ ގުޅިގެން އޭނާ ބުނެފައި ވަނީ ސްކްރިޕްޓް ވެސް އޮތީ އަދި ވަރަށް ކުރީ މަހުލާއެއްގައި ކަމަށާއި އެއަށް ފަންޑް ކުރާނެ ބަޔަކު ވެސް އަދި ނެތް ކަމަށެވެ.
އެހެން ނަމަވެސް ވެލަސް ބުނީ އެ ފިލްމު ޕްރޮޑިއުސްކޮށް ދޭން އެތައް ބަޔަކު މިހާރު ތިބީ ތައްޔާރަށް ކަމަށެވެ.
"މިއީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ވަރަށް ބިޔަ ޕްރޮޖެކްޓެއް. އެހެންވީމާ ފައިސާގެ ވާހަކަ އިހަށް އަދި ބާއްވާނީ،" ވެލަސް ބުންޏެވެ. "އެކަމަކު މިއަށް އިންވެސްޓް ކުރަން ވަރަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން އެބަހުރި."