މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީ އަށް
މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީ އަށް

މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީއާ ރޭ ގުޅިވަޑައިގެންފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީ އަށް
މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ޕީއެންސީ އަށް

ގަލޮޅު މެދުދާއިރާ ތަމްސީލު ކުރައްވާ މަރިޔަމް ރީހާން ނާޒިމާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އާއިޝަތު ނިޒްލީ ރަޝީދު ޕީއެންސީ އަށް ސޮއިކުރެއްވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭގެ މޭޔަރުގެ މަގާމުގެ އިންތިހާބުގައި އެ ޕާޓީން ނުކުންނަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ހަފުލާގަ އެވެ.

ރީހާން އާއި ނިޒްލީގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރޭގެ ހަފުލާގައި އެ ދެ ބޭފުޅުންގެ އިތުރުން ވެސް އެހެން ބައެއް މީހުން ވެސް ޕީއެންސީއާ ގުޅިވަޑައިގަތެވެ.

ވެރިކަންކުރާ ޕާޓީ ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރުންގެ ތެރެއިން ނިޒްލީއަކީ މިހާތަނަށް އެމްޑީޕީގެ މެމްބަރެކެވެ. ދެން ސޮއިކުރެެއްވި ރީހާން ވަރަށް ފަހަކާ ޖެހެންދެން ހުންނެވީ ޑިމޮކްރެޓްސް ޕާޓީގަ އެވެ. ރީހާން ވެސް ސިޓީ ކައުންސިލަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕާ ދެމެދު އުފެދުނު ކޯޅުމުގެ ތެރެއިން އުފެއްދި ޑިމޮކްރެޓްސް ޕާޓީއާ ފަހުން ރީހާން ގުޅިވަޑައިގަތީ އެވެ.

މާލެ ސިޓީ ކައުންސިލްގެ މި ހިނގާ ދައުރުގެ ބޮޑު މެޖޯރިޓީއެއް އަބަދުވެސް ދަމަހައްޓަމުން އަންނަނީ ޕީޕީއެމް/ޕީއެންސީ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޕީއެންސީ އަށް ވެރިކަން ލިބުމުން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ސަރުކާރުގެ އެކި ސިޔާސީ މަގާމުތަކަށް ވަޑައިގަތަސް އެ މެޖޯރިޓީ އަދި ނުގެއްލެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ވެސް އެންމެ ފަހުން ފުރުއްވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.