05 ޖެނުއަރީ 2024 - 14:52

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފަށައިފި އެވެ.
ލަކްޝަޑްވީޕް އަކީ އަރަބި ކަނޑާއި ލަކާޑައިވް ކަނޑުގެ ހުޅަނގުގެ މެދުގައި އޮންނަ ޖަޒީރާ ރަށްތަކެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފްތާގައި ލަކްޝަޑްވީޕްއަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވައިފަ އެވެ.
އެތަނުގައި ސްނޯކަލް ކުރައްވައި، ގޮނޑުދޮށުގައި ހިންގަވާ ފޮޓޯތަކާ އެކު، އެ މަނިކުފާނު ވަނީ އެތަނަށް ޒިޔާރަތް ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.
އޭގެފަހުން، އިންޑިއާގައި ނުވަ ވަނަ އަށް އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވަނީ ލަކްޝަޑްވީޕް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އަދި އެކަން ކުރެއްވުމުގެ ފަހަތުގައި ފޮރުވިފައިވާ މެސެޖެއް މޯދީ ދެއްވި ކަމަށާއި އެއީ ރާއްޖެއަށް ދެއްވި ނުސީދާ އިންޒާރެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ވަނީ ސިފަކޮށްފަ އެވެ.
އޭގެފަހުން، ހާއްސަކޮށް އެކްސްގައި ލަކްޝަޑްވީޕް ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ދަނީ ކުރަމުންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މީހަކު ބުނީ މޯދީ ކުރައްވާ ކޮންމެ ކަމެއްގެ ފަހަތުގައި ވަރުގަދަ ޕްލޭނެއް އޮންނާނެ ކަމަށެވެ. އަދި ރާއްޖެއަށް ވުރެން ލަކްޝަޑްވީޕް މާ ރަނގަޅު ވާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެހެން މީހަކު ބުނީ މޯދީ ލަކްޝަޑްވީޕް ޕްރޮމޯޓުކުރަން ފެށުމުން ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.
އަދި އެހެން މީހަކު ވަނީ ރާއްޖެއާ ވާދަވެރި މަންޒިލެއްގެ ގޮތުގައި ލަކްޝަޑްވީޕް އިންޑިއާއިން ހަދައިފިނަމަ، ރާއްޖޭގެ އިގުތިސޯދު އިނދަޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ޓޫރިސްޓުން ގެންނަ ތާޖު ހޮޓަލުން ދަނީ ލަކްޝަޑްވީޕް ގައި ދެ ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 190،000 އެއްހާ ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނެއް ފަށާފައިމިވަނީ، ދެ ގައުމުގެ ގުޅުން އަނެއްކާވެސް ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
"އިންޑިއާ އައުޓް" ގެ ވަރުގަދަ ކެމްޕޭނެއްގެ މަތީގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.
އަދި ކުރީގެ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ ތިލަމާލެ ބުރިޖު ހެދުން ފަދަ ގިނަ މަޝްރޫއުތަކުގެ އެއްބަސްވުންތައް އަލުން މުރާޖައާ ކުރާނެ ކަމުގެ އިޝާރާތެއް ވެސް އާ ސަރުކާރުން ވަނީ ދީފަ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް މި ކެމްޕޭނު ފަށާފައިމިވަނީ، އަންނަ އާދީއްތަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށެވެ.