05 ޖެނުއަރީ 2024 - 06:01

ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ޔަމަންގެ ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވުމުން އެކަމާ ދެކޮޅަށް ގައުމުތަކުން އެކުލަވާލާފައިވާ އިއްތިހާދުގައި ސްރީ ލަންކާ ސިފައިން ބައިވެރިކުރަން ނިންމައި ރައީސް ރަނިލް ވިކްރެމަސިންހާ އެކަން އިއުލާނުކުރައްވައިފި އެވެ.
އެވޯޑް ދިނުމުގެ ހަފްލާއެއްގައި ރަނިލް ވިދާޅުވީ ހޫތީންގެ ނުރައްކާ މިހާރު އުޅަނދުތަކަށް ވަރަށް ބޮޑުވެއްޖެ ކަމަށެވެ.
"ރަތްކަނޑުގައި ހޫތީން ދޭ ހަމަލާތަކުގެ ސަބަބުން ބޯޓުތަކަށް ވަނީ ނުރައްކާވެފައި. މިކަމަށް އޮތް ހައްލަކީ ރަތްކަނޑު ހުރަސްނުކޮށް އެފްރިކާ ބައްރު ވަށާލައިގެން ބޯޓުތައް ދިއުން ކަމަށްވާ ނަމަ ކާގޯގެ އަގު ބޮޑުވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.
ޔަމަންގެ ޝީއީންގެ އަސްކަރީ އަދި ސިޔާސީ ގޮފި ކަމަށްވާ ހޫތީން ބޯޓުތަކަށް ހަމަލާދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގެ ފަހުން ހޫތީން ވަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ 20 އުޅަނދަކަށް ހަމަލާ ދީފަ އެވެ.
އެމެރިކާއާ އެކު ރަތްކަނޑު ބެލެހެއްޓުމުގައި މިހާރު ބައިވެރިވަނީ އިނގިރޭސި ވިލާތް، ބަހްރެއިން، ކެނެޑާ، ފްރާންސް، އިޓަލީ، ނެދަލެންޑްސް، ނޯވޭ، ސީޝެލްސް އަދި ސްޕެއިން އެވެ.