05 ޖެނުއަރީ 2024 - 10:54

ދެވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު އެލްޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 4-0 އިން މަސް އޮޑި ސްޕޯޓްސް ކްލަބް މޮޅު ވެއްޖެ އެވެ.

މިއީ އެލްޓީ ސްޕޯޓްސް ކްލަބް، މުބާރާތުގއި ކުޅުނު ފުރަތަމަ މެޗެވެ. ގުރޫޕް އޭގެ ފުރަތަމަ މެޗުގައި މަސް އޮޑިން ވަނީ ހަމަ މި ނަތީޖާއިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ހަމަ އެއާ އެކު ގުރޫޕްގެ ދެވަނަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ 5-0 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މަސް އޮޑި އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި އެޓީމުން ލީޑު ނެގީ 16 ވަނަ މިނިޓުގައި، ކުރިން ފުރަތަމަ ޑިވިޝަންގައި ޓީސީ ސްޕޯޓްސް ކްލަބުން ފާހަގަވި އައްޒާމް އަބްދުﷲ (އެޑޫ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ތިރިތިރިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. އަދި ލީޑު ފުޅާ ކުރީ 31 ވަނަ މިނިޓުގައި ކޯނަރުން ހުރަސްވި ބޯޅަ، އޮޑީލޯ ފީލިކްސް ޗީޑި ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ބިދޭސީ ފޯވާޑް ފީލިކްސް މަސް އޮޑި ޓީމާ ގުޅުނީ އެޓީމު މުބާރާތުގެ ފުރަތަމަ މެޗު ކުޅުނު ފަހުންނެވެ. ފީލިކްސް އާއި އަބްދުﷲ ޒިޔާން (ޖަންކީ) އަށް ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުކުރެވުނު އިރު، ފީލިކްސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީއަށް ވެސް އަމާޒު ވިއެވެ.
ހަމަ އެއާ އެކު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގޯލްކީޕަރު ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިފާއު ކުރީ އެލްޓީގެ ޑިފެންޑަރު އަލީ ޒައިދު ޒާހިރެވެ.
މަސް އޮޑިން މެޗުގެ ފަހު ދެ ގޯލު ޖަހާފައި ވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގަ އެވެ. ތިންވަނަ ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުސެއިން ޝަރީފް (މުޑާ) އެވެ. ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ހަތަރުވަނަ ގޯލު ޖަހައިދިނީ ޖަހޯނޯވް ސަރުދޯރު އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ ޓީމަށް ކުރިން ކޯޗު ކޮށްދިން ސްޕެއިންގެ މާޓިނޭޒް ހުއާން މެނުއަލްގެ އިރުޝާދުގެ ދަށުން ކުޅޭ އެލްޓީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އާދަމް ލަރީފް (ރޮނާ) އެވެ. މިއަދުގެ މެޗުގައި ރޮނާ ވަނީ ސެންޓަ ބެކެއްގެ މަގާމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގުރޫޕް ބީގެ ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖެވެ.