04 ޖެނުއަރީ 2024 - 18:52

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ،
މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށެވެ. އުރީދޫއިން ބުނީ ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބެލުމަށް ފަހު ޝޯޓް ލިސްޓުވާ ފަރާތްތަކުގެ ނަންތައް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އަދި ބޯޑަށް އިންތިހާބު ކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ ޑިރެކްޓަރު ކަމަށް އިންތިހާބު ކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިން ވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. މި އަހަރު އިންތިހާބު ކުރާ ޑިރެކްޓަރު އެ މަގާމުގައި ހުންނާނީ 2026 ގެ ނިޔަލަށެވެ.
އުރީދޫގެ ބޯޑުގައި އަންހެނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން އަންހެނުން މި މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން ހިތްވަރުދޭ ކަމަށް އުރީދޫން ބުންޏެވެ.
މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ. ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އޮފީހަށް އަދި އީމެއިލް މެދުވެރިކޮށް[email protected]އަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.