04 ޖެނުއަރީ 2024 - 15:11

މާލޭގެ ދެކުނުގައި އޮންނަ ފުށިދިއްގަރުފަަޅު ހިއްކަން 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ހަރަދެއް ކޮންޓްރެކްޓަރުގެ އަތުން ހިނގާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
"ރަސްމާލެ" ނަމުގައި ތަރައްގީ ކުރާ އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ.
އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއަށް ހިނގާނެ ހަރަދާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ދައުލަތުން އެއްވެސް ހަރަދެއް ނުކުރި ނަމަވެސް އެހާ ބޮޑު ސަރަހައްދެއް ހިކުމަކީ ބޮޑު ހަރަދެއް ދާނެ ކަމެއް ކަމަށެވެ.
އެންމެ މަދުވެގެން ވެސް 500-700 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އެއީ އަދި ވަރަށް ތިލަކޮށް އެއް މީޓަރު ފުން ތަނަކަށް ވިސްނާފިއްޔާ ވާނެ ވަރު،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ފުށިދިއްގަރުފަޅުގެ ފުން މިނާއި ވެލި ބޭނުންވާނެ އަދަދާއި ވެލި ނަގަން ޖެހޭ ދުރުމިނަށް ބަލާފައި އެ މަޝްރޫއަށް ކުރަން ޖެހޭ ހަރަދު އިތުރަށް ބޮޑު ވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ކޮންޓްރެކްޓާ އެ އޮތީ އެ ހުރިހާ ރިސްކެއް ނަގައި ދައުލަތުން މިވެނި ވަރަކަށް [70 ހެކްޓަރު] ބިން ކޮމިޓް ކުރީމަ ބާކީބައި އެއްކޮށް ހިއްކަ ދޭ ގޮތަށް. އެއީ އެއްވެސް ވަރަކަށް ފައިސާގެ މުއާމަލާތް ހިނގާ މަޝްރޫއެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވެސް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއު ހިންގަނީ އެއްވެސް ކަމެއް ފޮރުވައިގެނެއް ނޫނެވެ. ސަރުކާރަށް ފުށިދިއްގަރުން 1093 ހެކްޓަރު ބިން ލިބޭ އިރު ސީއެމްސީސީ އަށް ލިބެނީ އެތަނުން 60 ހެކްޓަރު ބިމާއި ހުޅުމާލެއިން 10 ހެކްޓަރު ބިން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.