04 ޖެނުއަރީ 2024 - 10:39

މާލޭގެ ޒިކުރާ މިސްކިތަށް ބިސް ޖެހީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒިކުރާ މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށް ބިސްތަކެއް ތަޅާލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނަކު ދެނެގަނެވިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތަށް ބިސް ޖެހި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާއަކީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހެއް ކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.
"ހިސްޓްރީ އޮންނަ މީހެއް. އެކަހަލަ (ނަފްސާނީ) މައްސަލަ ތަކުގެ ހިސްޓްރީ އޮންނަ މީހަކަށްވުމުން އޭނަ ހައްޔަރެއް ނުކުރެވޭނެ. އާއިލާއިން ދަނީ ޖެންޑާއާ ގުޅިގެން އޭނައަށް ދޭން ޖެހޭ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިސްކިތަށް ކުޅު ޖެހުމާއި މިސްކިތުގައި ހުންނަ ހަތިމުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް ކުރިން ހިނގާފައިވެ އެވެ.
އޭގެތެރެއިން ވެސް ގިނަ މައްސަލަތަކުގައި ހިމެނެނީ، ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ނުވަތަ އެކަހަލަ ކަމެއް ތަހައްމަލް ކުރަމުންދާ މީހުންނެވެ.