03 ޖެނުއަރީ 2024 - 22:12

މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އިދާރާތަކަށް ފޮނުވައިފަ އެވެ.
އަދި އޭރު ރައީސް އޮފީހުން ބުނި ގޮތުގައި މި އަހަރު ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ވާނެ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން މިނިސްޓަރު ޝަފީގު ވިދާޅުވީ ބަޖެޓާއި ކޭޝްފްލޯ އަށް ބަލައި އެ ދެ އިދާރާގެ މުސާރައިގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި މުސާރަ ބޮޑު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ނިންމާފައި ވަނީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. އިން 16،300ރ. އަށް މުސާރަ ބޮޑު ކުރުމަށެވެ.
އިތުރު ތަފްސީލެއް އޭރު ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު އެ އަދަދުތަކަށް ވެސް ބަދަލު އަންނާނެ ކަމެއް އަދި ސާފެއް ނޫނެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި މި ސަރުކާރުން އަންނަނީ ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ އެހެނިހެން ޔުނިފޯމް ބޮޑީސްތަކުގެ ވެސް މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.