03 ޖެނުއަރީ 2024 - 19:09

މުހިއްމު މަސައްކަތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭނުންކުރާ މެޓްރިކްސް ސިސްޓަމްގެ ބެކްއެންޑުން ވަދެ، ޝައްކުކުރެވޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ވިދާޅުވީ، ވެހިކަލް ރަޖިސްޓްރޭޝަން ފަދަ މުހިއްމު ކަންތައްތަކަށް އެ ތަނުގައި ބޭނުންކުރަނީ މި ޒަމާނަށް ނުފެތޭ، މުސްކުޅި ސިސްޓަމެއް ކަމަށެވެ. އެހެންވެ، އެ ސިސްޓަމްގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.
ސިސްޓަމްގެ ރައްކާތެރިކަން ދަށްވުމުގެ ސަބަބުން، އޭގެ ބެކްއެންޑުން ވަދެ ގޯސްތަކެއް ހިންގާފައިވާތީ މިނިސްޓްރީގެ އޮޑިޓަކާއެކު ފޮރެންސިކް އެނަލިސިސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓްރީގައި މިހާރު މި ބޭނުންކުރާ މެޓްރިކް ސިސްޓަމް ތެރޭގައި އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ޝައްކުކުރެވޭ މީގެ ބެކްއެންޑުން ވަދެގެން ގޯސްތަކެއް ހިނގާކަމަށް. އެހެންވީމަ، އެކަންތައްތައް ރަނގަޅުކުރުމަށް އެންމެ ފުރަތަމަ ކުރަމުން މި ގެންދާ އެއް ކަމަކީ މިނިސްޓްރީގެ އޮޑިޓެއް ފައްޓާވަފައި ވާނީ. މިނިސްޓްރީގެ ވަރަށް ކޮމްޕްރެހެންސިވް އޮޑިޓެއް ހަދަންޖެހޭ ސަބަބަކީ އަޅުގަނޑުމެންނަށް ބައިވަރު މައްސަލަތައް ފެނިގެންދާއިރު، ހާއްސަކޮށް އެއްގަމު ވެހިކަލްތައް އާދަޔާ ހިލާފަށް ބޮޑު އަދަދަކަށް ރަޖިސްޓްރީވެ، ޑޮމެއިންގެ މައްސަލަ ވެސް ހައްލުނުވެ ކުރީގައި ހުއްޓާލާފައި އޮތީ." އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބެކްއެންޑަށް ވަދެ، ހަދާފައި ހުރި ލައިސެންސްތަކެއްގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ފެންނަން ހުރި ކަމަށެވެ. ނަމަވެސް، އެ ވަދެފައި ހުރީ ކިހާ ވަރަކަށްތޯ ބެލޭނީ ފޮރެންސިކް އެނަލިސިސް އަދި އޮޑިޓް ނިމުމުންކަން ފާހަގަކުރެއްވި އެވެ.
ރައްކާތެރިކަން ދަށްވި ނަމަވެސް 90 ޕަސެންޓަށް ވުރެ ގިނަ ޑޭޓާއަކީ ސެކިއުއަކޮށް ހުރި ޑޭޓާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ. ވެރިފިކޭޝަނަށް އުނދަގޫވާ ޑޭޓާ ވެސް ބެލޭނެ އެތައް ގޮތެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި، ހިދުމަތަށް ދައްކަން ޖެހޭ ފީ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފައިސާ ވަދެފައި ހުރިތޯ ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަމީން ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީއާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން ޖެހެ އެވެ. ތަސައްވަރު ރަނގަޅުކުރުމުގެ ފުރަތަމަ މަސައްކަތަކީ، އެ ތަނުގެ އެތެރެ ރަނގަޅުކުރުން ކަމަށާއި އޮޑިޓާއެކު އެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް، ވެހިކަލް ރަޖިސްޓްރީކުރަން ރަނގަޅު ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި އެއީ ހައްސާސީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން ވެސް، އަމީން ވިދާޅުވީ، އެންމެ ފުރަތަމަ ގަބޫލުކުރައްވަނީ، ހުރިހާ ހިދުމަތެއް އެއް ޕޯޓަލަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް، މިހާރު އެކި ހިދުމަތްތައް ދެނީ އެކި ޕޯޓަލް އިން ކަމަށް ކަމަށްވާތީ އެއީ އުނދަގޫ ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް 3-4 މަސް ދުވަހުގެ ތެރޭގައި އެއް ޕޯޓަލް އަކުން ހިދުމަތްތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.