03 ޖެނުއަރީ 2024 - 06:09

ހަމާސް ޖަމާއަތުން ވެރިކަންކުރާ ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ވެރިކަން ކުރުމަށް ފަލަސްތީނުގެ އެއް ވެރިކަމެއް ގާއިމްކުރުމާ މެދު މަޝްވަރާކުރަން ތައްޔާރު ކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
"އެތެރޭގެ (ފަލަސްތީނުގެ) ހާލަތާ ގުޅޭ ގިނަ ހުށަހެޅުންތަކެއް އަޅުގަނޑުމެންނަށް ލިބިފައި ވާއިރު، ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވައިލުމުގެ ޚިޔާލަށް މަޝްވަރާކުރުމަށް އަޅުގަނޑުމެން ތައްޔާރު،" ޓީވީން ދެއްކި، ހަނިއްޔާގެ ބަޔާނުގައި ވިދާޅުވި އެވެ.
ހަމާސް އިން 2006 ވަނަ އަހަރު ފަލަސްތީނުގެ އިންތިހާބު ކާމިޔާބުކުރި ފަހުން ޣައްޒާ ކޮންޓްރޯލްކުރަނީ ހަމާސްއިންނެވެ. ހުޅަނދު އައްސޭރި ކޮންޓްރޯލްކުރަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޕާޓީންނެވެ.
މި ދެ ޖަމާއަތުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވާއިރު، އެ ދެމެދު ސުލްހަ ގާއިމް ކުރުމަށް ކުރި އެތައް މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެއާ އެކު އައްބާސްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މުސްތަގުބަލުގައި ޣައްޒާގެ ވެރިކަންކުރާނެ ބަޔަކާ މެދު އިޒްރޭލުން ސުވާލު އުފައްދަ އެވެ. އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ނަމުގައި އިޒްރޭލުން ފެށި ހަމަލާތައް ހުއްޓާލާނީ ހަމާސް ނައްތާލާފައި ކަމަށް އިޒްރޭލުނެ ބުނެ އެވެ. އެހެންވެ މުސްތަގުބަލުގައި ވެސް ޣައްޒާގައި ވެރިކަންކުރާނީ ހަމާސްއިން ކަމަށްވާ ނަމަ ހަމަލާތައް ހުއްޓާނުލެވޭނެ ކަމުގެ އިޝާރާތްތަކެއް އިޒްރޭލުން ދީފައިވެ އެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ފަހުން ކޮންމެވެސް ބަޔަކު ފަލަސްތީނުގެ ވެރިކަމުގައި ތިބެން ޖެހޭއިރު އެއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ބަޔަކަށް ވާންޖެހޭނެ އެވެ.
އަލްޖަޒީރާއިން ގެނެސްދިން ހަނިއްޔާގެ ޚިތާބުގައި ހަނިއްޔާ ވަނީ ހަމަލާތައް ދެވަނަ ފަހަރަށް މަޑުޖައްސާލުމާ ގުޅޭ މަޝްވަރާތަކުގެ ވެސް ވާހަކަ ދައްކަވާފައެވެ. މީގެ ކުރިން ހަމަލާތައް މެދުކަނޑާލި އިރު ހަމާސް އިން ރަހީނުކުރި އިޒްލޭގެ 250 މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލައިފަ އެވެ.
"ދުޝްމަނުންގެ ގައިދީން ދޫކޮށްލާނީ ދުޝްމަނުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން،" ތަފްސީލު ނުދެއްވައި ހަނިއްޔާ ވިދާޅުވި އެވެ.
ޣައްޒާގައި އަދިވެސް ރަހީނުކޮށްފައިވާ 129 މީހުން އެބަތިއްބެވެ. -- އޭއެފްޕީ