03 ޖެނުއަރީ 2024 - 06:20

"އަހަރެން ލުބާނާ ވަރިކޮށްފިން." ރަޒީން ފޮނުވި މެސެޖުގައި އޮތެވެ.
ފަރްހާއަކަށް އެ މެސެޖު އަލެއް ނޫނެވެ. ރަޒީން އެ މެސެޖު ލިޔުނީ ފަރްހާއަށް ދައްކައިގެންނެވެ. އެ ވަގުތު ދެމީހުން ބޯއަޅައިގެންތިބީ އެއް ބާލީހުގައެވެ. މެސެޖު އިބާރާތްކުރާނެ ގޮތް ކިޔައިދިނީ ވެސް ފަރްހާއެވެ. ރަޒީން އުޅުނީ ވަރަށް ދިގުކޮށް މެސެޖުލިޔާށެވެ. މާފަށްއެދި، ލުބާނާގެ މުސްތަގުބަލަށް ޓަކައި ހެޔޮދުއާކުރަން ވެސް ރަޒީން އުޅުނެވެ. ވަކިވާންޖެހޭ ސަބަބާއި، އެކުވެރިންގެ ގޮތުގައި ތިބެވިދާނެކަމުގެ ފެހިސިގުނަލު ދޭން ވެސް އުޅުނެވެ. ހުރިހައި ކަމެއް ހުއްޓުވީ ފަރްހާއެވެ. ނުލާހިކު ލޯބިން އުޅެނިކޮށް ވަގަށްގޮވި މީހަކަށް ހިތްހެޔޮކުރާކަށް ފަރްހާ ބޭނުމެއް ނޫނެވެ.
"އަޅޭ!" ވަރަށް އަސަރުކުރި ގޮތް ދައްކަމުން ފަރްހާ ބުންޏެވެ. "ކިހިނެއްބާ ވީ؟"
"އަހަރެން އޭރު ވެސް ބުނީމެއްނު ރަޒީން ކޮންމެވެސް އެފެއަރއެއް އެބަ ހިންގައޭ،" ގިސްލަމުން ލުބާނާ ބުންޏެވެ. "އެކަމަކު ބުނީމެއްނު އެއީ ޝައްކުބައްޔޭ، އަޅާނުލާށޭ! މިހެން ވާނީ އަޅާނުލީމަ."
ފަރްހާ އަޅާނުލާށޭ ބުނީ ފަރްހާއަށް ފައިދާ ބޮޑީ އެ ގޮތްކަމުގައިވާތީއެވެ. އެއީ ލުބާނާއަށް ހެޔޮއެދިގެން ބުނި އެއްޗެއް ނޫނެވެ. އެހެނަސް، ކުށް ގަބޫލުކުރިކަން ދެއްކުމަށް ޓަކައި ފަރްހާ އިސްޖަހައިލިއެވެ. އޭރު ވެސް ހިތުގައި އޮތީ މިހެންނެވެ. ތިވީ ރަނގަޅަށެވެ. ތި ކަހަލަ މީހުންނަށް ވާންޖެހޭނީ ވެސް ތިހެންނެވެ.
"ތީ ހަމަ ތެދެއް!" ފަރްހާ އެއްބަސްވިއެވެ. "އަހަރެން ތިހެން ބުނިން. ހިޔެއްނުކުރާނެ ދޯ ރަޒީން އެހެން ހަދާނެކަމަކަށް. އިހަށް ދުވަހަކު މެރީކުރީ. ނަސީބެއް ކިޑެއް ނުލިބެނީސް އެނގުނުކަން."
"އަހަންނަށް ހީވަނީ އަހަރެން ޕްރެގްހެން." ވަރަށް މަޑުމަޑުން ލުބާނާ ބުންޏެވެ.
ދަތުރުގެ އުފާވެރިކަމަށް ކަޅުހިޔަންޏެއް ވެރިވިއެވެ. އެ ރޭ ވެސް ރަޒީންއާއި ލުބާނާ ނިދީ އެއް ކޮޓަރީގައެވެ. ދެމީހުންގެ މެދުގައި ކިހައި ވަރުގަދަ ޒުވާބެއް ހިނގިކަމެއް ފަރްހާއަކަށް ނޭނގެއެވެ. އެނގޭ ކަމަކީ ލުބާނާ މާބަނޑުވާހާ ދުވަސް އެ ކައިވެންޏަށް ނުވާކަމެވެ. ފަރްހާ ވިސްނީ އެ ކަމާއެވެ. ދެން ހިތަށްއެރިއެވެ. ފަރްހާއަށް ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ހިސާބު ދިމާނުވެގެން އުޅެނީ، ކައިވެނިކުރި ހިސާބުން ދުވަސް ގުނާތީއެވެ.
ދަންވަރު ތިނެއްޖެހި އިރު ވެސް ފަރްހާއަކަށް ނުނިދެއެވެ. ފޯނު އޮތީ ފެންނަ ހިސާބުގައެވެ. ފަރްހާ އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ބޭނުންވަނީ ރަޒީނަށް ގުޅާށެވެ. ވީ ގޮތް އޮޅުންފިލުވާށެވެ. ހިތަށްއެރިއެވެ. ފަރްހާއަށް މިހާރު ރަޒީނަށް ގުޅޭނެއެވެ. ރަޒީނަކީ ލުބާނާގެ ފިރިމީހާއެއް ނޫނެވެ. އެހެނަސް ފަރްހާ އެ ކަމެއް ނުކުރެއެވެ. ރަޒީނަށް އިތުރު ހާސްކަމެއް ކުރިމަތިކުރަން ބޭނުންނުވާތީއެވެ. އެ ވަގުތު ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. ފަރްހާ ފުންމައިގެން ތެދުވިއެވެ. އަނެއްކާ ވެސް ފޯނަށް ބަލައިލިއެވެ. ހިތް ބުންޏެވެ. ނުގުޅައެއް ރަޒީނެއް ނާންނާނެއެވެ. ދެން އަންނާނީ ކާކުހެއްޔެވެ؟ ކުޑަކޮށް ޖެހިލުން ވެސް ވިއެވެ. ލުބާނާގެ މަންމަ ނުވަތަ ރަޒީންގެ މަންމަކަމަށް ހީކޮށެވެ. ފަރްހާގެ ސިއްރު ބޭޒާރުވީހެއްޔެވެ؟ އެހެން ވެސް ހިތަށްއެރިއެވެ. ދޮރު ހުޅުވަން ނުކެރި، ދެކޮޅަށް ހިނގާލަހިނގާލާ ފަރްހާ ހުއްޓެވެ. ޓަކިޖަހާލެއް މަޑެވެ. ފަރްހާގެ ހިތަށް ލިބޭ ހަމަ އެކަނި ލުއިކަމަކީ އެއީއެވެ. ރުޅިއައިސްފައިހުރި މީހަކު މަޑަކުން ނުޖަހާނެއެވެ. ދެން ފެނުނީ ފޯނު ދިއްލޭ ތަނެވެ. މަޑުމަޑުން ގޮސް ފޯނަށް ބަލައިލިއެވެ. ގުޅަނީ ލުބާނާއެވެ. ފޯނު ނުނަގައި ފަރްހާ ދުވެފައި ގޮސް ދޮރުކަޅީގައި ލޯޖަހައި ބޭރު ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ލުބާނާއެވެ. ރޮއިރޮއި މުޅި މޫނު ރަތްކޮށްލައިގެންނެވެ. ލުބާނާޔާ ހަތަރުކަޅި ހަމަކުރަން، ފުރަތަމަ ފަހަރަށް ފަރްހާ ފަސްޖެހުނެވެ. ހިތަށްއެރިއެވެ. ނުބުނަންވާ ވާހަކައެއް ރަޒީން ބުނީހެއްޔެވެ؟ ލުބާނާ ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ. ފަރްހާ ފޯނު ނުނެގުމުން ފޯނުކެނޑުނެވެ. ލުބާނާ އިސްޖަހައިގެން ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި ހުއްޓިގެން ހުއްޓެވެ. ހަރަކާތްތަކުން ހީވަނީ ހަދާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ. ދޮރުހުޅުވަން ނުހުޅުވަން އެތައް ގޮތަކަށް ވިސްނުމަށް ފަހު ފަރްހާ ދޮރު ހުޅުވިއެވެ. ލުބާނާ ނިކަން އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެ، ބިއްދޮށަށް އެނބުރިގެން ރޯން ފެށިއެވެ. ފަރްހާ ހުރީ ކޮޅަށެވެ. ފަރްހާ ދިން އަނިޔާއަކުން ޒަހަމުވެގެން މީހަކު އައުމުން ދޭނެ ފަރުވާއެއް ފަރްހާއަކަށް ނޭނގެއެވެ. އެހެން ނޫނަސް، ފަރްހާ ބޭނުންވަނީ ލުބާނާ ރޯށެވެ. ދުވަހަކު ވެސް ހުއްޓައިނުލާށެވެ.
"މަ ބޭނުމެއް ނޫން އެ ރޫމްގަ ނިދާކަށް،" ލުބާނާ ބުނި އަޑުއިވުނެވެ. "ޗީޓަރ!"
"ލުބާ ފޮށި ހިފައިގެން މި ރޫމަށް އަންނަންވީނު!" ހިތާދެކޮޅަށް ފަރްހާ ބުންޏެވެ. "ތި ބެޑްގަ އަހަރުމެން ދެމީހުންނަށް ނިދޭނެ."
"އަޅެ ކީއްވެތަ އޭނަ އަހަރެން ޑިވޯސްކުރީ؟" ބިއްދޮށަށް އެނބުރިގެންއޮވެ ލުބާނާ ބުންޏެވެ. "ޓޯކްކޮށްގެން ވެސް މައްސަަލަ ހައްލުކުރެވޭނެއްނު! އަހަންނަކަށް ނޭނގެ އަހަރެންގެ ޕްރޮބްލަމެއް ވެސް."
ކިތަންމެ ވާހަކައެއް ދެއްކިޔަސް އެ މައްސަލަ ހައްލެއް ނުވާނެއެވެ. މައްސަލައަކީ ރަޒީނެއް ނޫނެވެ. ފަރްހާއެވެ. ރަޒީން ދުރުކުރަން ފަރްހާއަށް ކުރެވުނު ހުރިހައި މަސައްކަތެއް ފަރްހާ ކުރާނެއެވެ. ފަރްހާގެ ހިތުގައި އޮތީ އެހެންނެވެ.
"މަންމަ ކީކޭ ބުނީ؟" ފަރްހާ އެހީ ފަރްހާއަށް އެންމެ މުހިންމު ސުވާލެވެ.
"އަހަރެންގެ މަންމައަކަށް އަދި ނޭނގޭނެ،" ލުބާނާ ބުންޏެވެ. "ރަޒީންގެ މަންމަގެ ގޮތެއް ނޭނގެ."
ފަރްހާ ފުންނޭވައެއް ބޭރުކޮށްލިއެވެ. އެނދުގައި އިށީނދެ ލުބާނާގެ ކޮނޑުގައި ފިރުމައިލިއެވެ. ފިރުމާ ހިތަކުން ނޫނެވެ.
"އަހަރެން ނުބުނަން ރަޒީން ރަނގަޅެކޭ އެކަމަކު ލުބާގެ ވެސް މައްސަލަ އެބަ ހުރި،" ފަރްހާ ބުންޏެވެ. "މީހުން ތެރޭގަ ރަޒީން ދަށްކޮށްލަން ލުބާ ކުރާ ކަންތައް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ކަމަކުނުދޭ!"
"އެނގެޔޭ!" ލުބާނާ ބުންޏެވެ. "އެއީ މަންމަ ދަސްކޮށްދިން ކަމެއް. އެކަމަކު އަހަރެން އަސްލު ވަރަށް ލޯބިވޭ ރަޒީން ދެކެ."
"އެކަމަކު ހުރިހާ ދެރައެއް ލިބުނީ ލުބާއަށްތާ!" ފަރްހާ ވަރަށް އޯގާވެރި ރާގެއްގައި ބުންޏެވެ. "އެހެންވެ އެ ކަހަލަ ކަންތައް ނުކުރަންވީ! މިހާރު ދެން މީ ބޭކާރު ވާހަކަ. ވާނެ އެއްޗެއް ވެ ނިމިއްޖެ! އަހަރެން އެއްޗެއް އަހަންތަ؟ ލުބާ އަސްލު ވެސް ޕްރެގްތަ؟ މެރީކުރި ދުވަހުން ފެށިގެން ކައުންޓްކުރީމަ..."
"މެރީކުރި ދުވަސް އިންޕޯޓަންޓްތަ؟ ޕްރެގްވާންވީމަ ޕްރެގްވާނެއްނު! އެ ވަރުން ވެސް އޭނަ އުޅުނީ މެރީނުކުރަން،" ނުބުނަންވާ ވާހަކަ ވެސް ލުބާނާ ބުންޏެވެ. "އަހަރެން އޭނަ ބިރުގަންނަވާލީ! މަ ބުނިން މެރީނުކޮށްފިއްޔާ ބޭބީ އެބޯޓްކޮށްލާނަމޭ! އަހަރެން މި ކަހަލަ ވާހަކަ ނުދައްކަނީ. ރަޒީނަކީ ތި ހީކުރާހާ މާތް މީހެއް ނޫން. އެކަމަކު އަހަރެން ބޭނުން ބޭބީގެ ބައްޕަ ބޭބީ ކައިރީގަ ހުންނަން."
ލުބާނާ ދެއްކި އެއްވެސް ވާހަކައެއް ފަރްހާ ގަބޫލުކުރާނީ ރަޒީންއާ ވާހަކަދެއްކުމަށް ފަހުގައެވެ. ރަޒީންގެ ގޯސް ވާހަކަދައްކާ އިރު ލުބާނާއަކީ ވަކި ސަހަލު މީހެއްހެއްޔެވެ؟ އެހެން ނަމަ، އެއްބަފާ މީހުންނަށް ވަގަށްގޮވީސްހެއްޔެވެ؟ ފަރްހާ ހިތަށްއެރީ އެހެންނެވެ.
"އެކަމަކު ޑިވޯސްކޮށްފިއެއްނު!" ފަރްހާ ބުންޏެވެ. "ދެން ރަޒީނަކަށް ނުހުރެވޭނެ ތި ގެއަކު."
"މެސެޖަކުން ޑިވޯސްކުރެވޭނެތަ؟" ލުބާނާ ސުވާލުކުރިއެވެ. "ވަރިކޮށްފީމޭ ބުނީމައެއް ނޫންތަ ޑިވޯސްވާނީ؟ ފްރެންޑެއް ބުނި އެހެން. އެހެން ފްރެންޑެއް ބުނި ކައިވެނި ރުޖޫއަކުރާށޭ ޖެހޭނީ. އަހަންނަކަށް ދެން ނޭނގެ. އަހަރެން ބޭނުމީ ރުޖޫއަކުރަން."
"ގަދަކަމުން މީހަކު ހިފާއްޓާނެކަމެއް ނެތް. ލެޓް ހިމް ގޯ!" ފަރްހާ އެދުނެވެ.
"ނޯ! ދޭބަލަ އޭނަޔާ ވާހަކަދައްކަން." ލުބާނާ ބުންޏެވެ.
ބޭއިހުތިޔާރުގައި ފަރްހާ ފުންމައިގެން ތެދުވިއެވެ. ދާހިތުންނެވެ. އެހެނަސް ހިނގައެއްނުގަނެއެވެ.
"މަ؟" ފަރްހާ ބުންޏެވެ. "އޭރުންނޯ؟"
"ޕްލީޒް!" ލުބާނާ އެނބުރި ފަރްހާޔާ ހަތަރުކަޅި ހަމަކުރަމުން ބުންޏެވެ. "ފެމެލީއެއްނު ހެލްޕްވާން ހުންނާނީ. އެހެން ކާކަށް އަހަރެން ޓްރަސްޓްކުރާނީ؟ އަހަރެން ބޭނުމެއްް ނޫން ސެޕްރޭޓްވާކަށް."
ފަރްހާ ހިތަށްއެރިއެވެ. ކުރަން މި އުޅެވެނީ ކީއްހެއްޔެވެ؟ އެ ފުރުސަތުގެ ބޭނުން ފަރްހާ ހިފާނީ ކިިހިނެއްކަން ލުބާނާއަށް ނުވިސްނެނީހެއްޔެވެ؟ ކަމެއްޖެހޭ އިރަށް ލުބާނާ ފެމެލީއޭ ބުނާ އިރު، ހަމަ އެ އާއިލާއަށް ވަގަށްގޮވަން ލުބާނާ ފަސްނުޖެހުނީ ކީއްވެގެންހެއްޔެވެ؟ ފެމެލީއަށް ވުރެ ހެއްވާ ލަފުޒެއް ބޭނުންކުރަން ލުބާނާއަށް ނޭނގުނީހެއްޔެވެ؟
"ރޫމްގެ ކީ!" ތަޅުދަނޑި ދިއްކޮށްލަމުން ލުބާނާ ބުންޏެވެ.
ފަރްހާ ހުރީ ރަޒީންއާ ބައްދަލުކުރަން ނުލާހިކު ބޭނުންވެފައެވެ. ރަޒީން ގާތުގައި އަހަން ބޭނުން އެތައް ސުވާލެއް ހުއްޓެވެ. އެ ފަދަ ރަނގަޅު ފުރުސަތެއްލިބުމުން ދޫކޮށްލާކަށް ފަރްހާ ބޭނުމެއް ނުވިއެވެ. ތަޅުދަނޑި ހިފައިގެން ހިނގައިގަތެވެ.
"ހީ ވެސް ނުކުރަން މިހެންވާނެކަމަކަށް." ނުކުންނަން ދޮރު ހުޅުވައިލަމުން ފަރްހާ ބުންޏެވެ.
ފަރްހާ ފުރަތަމަ އުޅުނީ ރަޒީންގެ ކޮޓަރި ކައިރިއަށް ގޮސް ރަޒީނަށް ގުޅާށެވެ. ވީ ގޮތް ކިޔައިދޭށެވެ. އެހެނަސް ހިޔާލު ބަދަލުވިއެވެ. ކޮޓަރި ހުޅުވައިލިއެވެ. ރަޒީން އޮތީ ފޯނާ ކުޅޭށެވެ.
"މަގޭ ލޯބިލުބާގެ ރުޅިގަނޑު މައިތިރިވީތަ؟" ނުވެސް ބަލައި ރަޒީން ބުންޏެވެ. "ކިތައް ފަހަރު ބުނާނީ އެއީ މަޖަލަކަށް ކުރި ކަމެކޭ، ނުޖެހޭނޭ ކައިވެނި ރުޖޫއަކުރާކަށް. އަހަރެން ކިހާ ލޯބިވާކަމެއް ނޭނގޭތަ؟ އައި ލަވް ޔޫ!"
"ހުސް ދޮގު!" ފަރްހާ ބުންޏެވެ.
ސިހިފައި ރަޒީން ބަލައިލިއެވެ. ފަރްހާ ހުރީ ފިޔަވަޅު މަތިން ގުޑާލަން ނޭނގިފައެވެ.
"ފަރޫ؟" ހައިރާންވެފައި އެނދުން ތެދުވަމުން ރަޒީން ބުންޏެވެ. "ކިހިނެއް ފަރޫ.. އަހަރެން ހީކުރީ.."
"ލޯބިލުބާކަމަށް؟" ރުޅިއައިސްފައި ފަރްހާ ބުންޏެވެ. "ނޫނޭވާ ތީ ޗީޕް މީހެއް އިނގޭ! އަހަރެން ދުވަހަކު ވެސް ނުދެކެން ތިހާ ޗީޕް މީހެއް."
"ވެއިޓް ވެއިޓް!" އޯގާވެރި ރާގެއްގައި އެހެން ބުނަމުން ރަޒީން އައެވެ.
ރަޒީން އައިސް ފަރްހާޔާ މާ ގާތްވުމުން އަތުގެ އިސާރަތުން ރަޒީން ހުއްޓުވައިފައި، ފަރްހާ ދެ ފިޔަވަޅު ފަހަތަށްޖެހިއެވެ. ފޫހިވީ ވަރުން ފަރްހާ ހުރީ އެއްޗެއް ބުނަން ވެސް ބޭނުން ނުވެފައެވެ.
"އެއީ ލުބާ ހައްދާލަން ބުނި އެއްޗެކޭ. ސީރިޔަސްލީ!" އާދޭހުގެ ރާގެއްގައި ރަޒީން ބުންޏެވެ. "އޭނަގެ މަންމަޔާ އަހަރެންގެ މަންމަ ވެސް މިކޮޅުގަ އެ އުޅެނީ. އެމީހުން ކައިރިއަށް ގޮސް އޭނަ ރޮއިހޭރިގެންފިއްޔާ ކިހިނެއްވާނީ؟ ފަރޫއަށް އެނގޭނެ އޭނަގެ ގޮތް."
"އަހަންނަށް އެނގިއްޖެ ރަޒީންގެ ގޮތް ވެސް." ފެންކަޅިވެފައި ފަރްހާ ބުންޏެވެ.
ފަރްހާ ނުކުމެފައި ނިކަން ބާރަށް ދޮރުޖެހިއެވެ.
ނުނިމޭ