02 ޖެނުއަރީ 2024 - 14:23

މިވަގުތު މުހިންމީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދެއް ނޫން ކަމަށާއި ތިބި ހުރިހާ އެންމެން ވީހާވެސް އަވަހަށް ފޮނުވާލުމުގެ މަސައްކަތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދެއް އަދިވެސް ކަށަވަރު ނުވާތީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލާގައި ސުވާލު ކުރުމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ މުހިންމީ ސިފައިން ތިބި އަދަދެއް ނޫން ކަމަށާއި އެ މީހުން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށާއި ރައްޔިތުން ނާއުންމީދު ނުވުމަށް ސަރުކާރުން އެދޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިން. މީގަ މުހިންމީ ތިބި އަދަދަށް ވުރެ ތިބިއްޔާ ތިބި ބަޔަކު ފޮނުވައިލުމުގެ މަސައްކަތް ކުރިޔަށް ދާކަން ރައްޔިތުންނަށް ކަށަވަރު ވުން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވެސް އެ މައްސަލަ އާ ބެހޭ ފަހުގެ އަޕްޑޭޓްތައް ވަނީ ދީފަ އެވެ.
ސަރުކާރުން ތަފާތު އެކި މަރުހަލާތަކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެކި ލެވަލްތަކުގައި 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އިތުރު ބައްދަލުވުންތަކެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.