02 ޖެނުއަރީ 2024 - 14:14

ޓެކްސީ ދުއްވުމަކީ އާމްދަނީ ހޯދުމަށް ކުރާ ރަސްމީ މަސައްކަތަކަށް ހެދުމަށް ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފި އެވެ.

ޓެކްސީ ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވާލުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރު އެ މަސައްކަތް ފަށައި ކުރިއަށް ގެންދިއުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފަހު ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ޓެކްސީ ދަފްތަރުގައި ރާއްޖޭގައި ޓެކްސީގެ ހިދުމަތްދޭ ހުރިހާ މީހުންގެ މައުލޫމާތު ހިމެނޭނެ ކަމަށެވެ.
"މަސްވެރިކަން، ޓެކްސީ ކުރުން ފަދަ ކަންކަމަކީ އެ ބޭފުޅުން ދާއިމީ ގޮތެއްގައި މަސައްކަތް ކުރައްވާ ބައެއް. ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ ވަނީ ނުލިބިފައި. އެކަމުގެ ސަބަބުން އެ ބޭފުޅުންގެ ވަރަށް މުހިންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންކަން ނުފުދި ދާކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި އެ ކަރުދާހުގެ އެންމެ ބޮޑު މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯނުތަކަށް އެދުމުން އާމްދަނީ ލިބެމުންދާ ގޮތް މުއައްސަސާތަކަށް ހުށަހެޅުން ފަދަ ކަންކަމަކީ އެފަދަ މަސައްކަތް ކުރާ މީހުންނަށް ދަތިވެފައިވާ ކަންކަން. ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް މި ކުރެވޭ މަސައްކަތުގެ ތެރެއިން އެ ބޭފުޅުންގެ [ޓެކްސީ ޑްރައިވަރުން] ދަފްތަރު އެކުލަވާލުމަށް ހުށަހެޅީ."
- ޑިޖިޓަލް ޕޭމެންޓް ނިޒާމް (އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް) ހެދުމަށް ބޭންކްތަކާ މަޝްވަރާ ކޮށްގެން އެފަދަ ނިޒާމެއްގެ ދަށުން ނަގާ ފީގެ ނިސްބަތް އުވާލައިގެން ކުރެވޭނެ ގޮތެއް ހަމަޖެއްސުން.
- ބޭރު ގައުމުތަކުގައި ޓެކްސީ ހިދުމަތްދޭ ގޮތަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ވަނީ ނިންމާފައި.
- ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ނިޒާމު ގާއިމް ކުރުން
އެ ކަން ކުރާނެ ގޮތުގެ ތަފްސީލީ ކަރުދާހެއް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ރަސްމާލެ ޑިވެލޮޕްވަމުން އަންނައިރު އެ ތަނަކީ އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ނިންމަވާފައި ވާއިރު އެ ތަނަށް ޓެކްސީ ފަދަ ހިދުމަތްތަކަކީ ތިމާވެއްޓާ ރައްޓެހި ޓެކްސީ ތަކަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވުމާއި ތައްޔާރުވުމަށް އެކުލަވާލަން ޖެހޭ ކަރުދާސް އެކުލަވާލުމާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކެބިނެޓުން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އެ މަޝްވަރާތައް ކުރުމުގައި ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރެވި އެއްވެސް މީހެއްގެ ހައްގު ނުގެއްލޭނެ ގޮތެއް ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ނިޒާމު ގާއިމް ކުރާއިރު ހަވާލު ކުރާނީ ސަރުކާރުގެ ކުންފުންޏަކާ ކަމަށާއި އެކަން ރާވައި ހިންގުމަށް އިކޮނޮމިކް ކައުންސިލަށް ސަރުކާރުން މިހާރު ވަނީ އަންގާފައި އެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދަކަށް ވާއިރު، މިދިޔަ ވެރިކަމުގައި ޓެކްސީގެ އަގު ކުޑަވުމާއި ތެލުގެ އަގު ބޮޑުވި ނަމަވެސް ޓެކްސީއަށް ނަގާ ފީ ކުޑަވުމުން މުޒާހަރާތައް ވެސް ކުރި އެވެ.