ދޮށީ ދަރިފުޅުގެ ވިސްނުން ތޫނު، އެކަމަކު ތަފާތު ސަބަބަކާ ހެދި
ދޮށީ ދަރިފުޅުގެ ވިސްނުން ތޫނު، އެކަމަކު ތަފާތު ސަބަބަކާ ހެދި

އެންމެ ދޮށީ ދަރިފުޅުގެ ވިސްނުން، އޭގެ ފަހުން ލިބޭ ދަރިންނާ އަޅާބަލާއިރު ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެކަމަކު އެހެން ދިމާވަނީ މައިންބަފައިންގެ ފަރާތުން ލިބޭ އަޅާލުން އިތުރުވުމުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާގައި 5000 ކުއްޖަކު ބައިވެރިކުރި އެވެ. އަދި ކޮންމެ ކުއްޖެއްގެ ވެސް އުމުރުން 14 އަހަރު ވަންދެން ކޮންމެ ދެ އަހަރަކުން އެއްފަހަރު އެ ކުދިންގެ އައިކިއު ޓެސްޓްތައް ހަދާފައިވެ އެވެ. މި ޓެސްޓްތަކުން އެނގުނު ގޮތުގައި ދޮށީ ދަރިފުޅުގެ އައިކިއު ނުވަތަ ވިސްނުން ތޫނުކަން އުމުރުން އެއް އަހަރުގައި ވެސް ފާހަގަކުރެވޭ ވަރަށް ރަނގަޅެވެ.

ދޮށީ ދަރިފުޅުގެ އައިކިއު ލެވަލްއާ، ދެން ތިބޭ ދަރިންގެ އައިކިއު ލެވަލް އެ ކުދިންގެ އުމުރާ ގުޅޭ ގޮތުން ތަފާތުވަމުންދާކަން ވެސް ދިރާސާއިން ހާމަވެފައިވާ ކަމަށް ޖާނަލް އޮފް ހިއުމަން ރިސޯސަސްގައި ޝާއިއުކުރި މި ދިރާސާގައި ބުނެފައިވެ އެވެ.

ދިރާސާ ޓީމުން ބުނީ ކޮންމެ ކުއްޖަކަށް ވެސް މައިންބަފައިންގެ ފަރާތުން "އިމޯޝަނަލް ސަޕޯޓް" އެއްވަރަކަށް ލިބުނު ކަމުގައި ވިޔަސް ވިސްނުމާ ގުޅުން ހުރި ކަންކަމުގައި މައިންބަފައިންގެ އެހީތެރިކަން އެންމެ ބޮޑަށް އާންމުކޮށް ލިބެނީ އެންމެ ދޮށީ ދަރިފުޅަށް ކަމަށެވެ. އެހެންވެ ދޮށީ ދަރިފުޅަށް ލިބޭ ވިސްނުމުގެ ގާބިލްކަމަކީ މައިންބަފައިންގެ އަޅާލުން ކުއްޖާއަށް ލިބޭ މިންވަރެއްގެ މައްޗަށް ބިނާވާ ކަމެއްކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.