ވޭލްސްގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި
ވޭލްސްގެ އެނބުރި އައުން މޮޅަކުން ފާހަގަކޮށްފި

ބޯޑޯ، ފްރާންސް (ޖޫން 11) - ބަދަލު ކުޅުންތެރިޔާ ހާލް ރޮބްސަން-ކާނޫ ޖެހި ލަނޑާ އެކު، 1958 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގައި އަލަށް ވާދަކުރަމުން އަންނަ ވޭލްސް އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ފްރާންސްގެ ބޯޑޯގައި މިރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ވޭލްސް އިން ވަނީ ލީޑު ނަގައިފަ އެވެ. ވޭލްސް އަށް މި ލަނޑު ޖަހައިދިނީ، އެ ޓީމު މުބާރާތަށް ކޮލިފައިދިން ކުޅުންތެރިޔާ ގަރެތު ބޭލް އެވެ. ރެއާލް މެޑްރިޑުގެ ކުޅުންތެރިޔާ މި ލަނޑު ވައްދާލި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.

އެކަމަކު އޭގެ ކުރިން ސްލޮވާކިއާ އިން ލީޑު ނެގުމާ ވަރަށް ގާތަށް ދިޔަ އެވެ. ވޭލްސްގެ ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ސްލޮވާލިއާގެ ކެޕްޓަން މަރެކް ހަމްސިޗް ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތިން ވަނީ ދިފާއުކޮށްފަ އެވެ.

ސްލޮވާކިއާ އަށް މެޗުގެ ތެރެއަށް އަލުން ވަދެވުނީ 61 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އޮންޑްރޭ ޑުޑާ އެވެ. ވޭލްސް އަށް ތާރީހީ މޮޅު ހޯދައިދިން ލަނޑު 81 ވަނަ މިނެޓުގައި ރޮބްސަން ޖެހީ އާސެނަލްގެ އާރޮން ރަމްސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ވޭލްސްގެ ކޯޗު ކްރިސް ކޯމަން ބުނީ މެޗު އެއްވަރުވެފައި އޮއްވާ ފަހު ވަގުތު އަލުން ލީޑު ހޯދުނީ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ހިތްވަރުން ކަމަށެވެ.

"ސްލޮވާކިއާ އެއްވަރުކުރި ހިސާބުން އެ ޓީމު ފެނުނީ ވަރުގަދަކޮށް. އެކަމަކު އަހަރެމެން އަލުން ކުރިއަށް ޖެހިލި ވަގުތު ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ކުޅުންތެރިން ވަރަށް ހިތްވަރުކުރި،" އޭނާ ބުންޏެވެ.

ވޭލްސް އެންމެ ފަހުން ބޮޑު މުބާރާތެއްގައި ވާދަކުރީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އެކަމަކު ސްލޮވާކިއާ ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް ކުޅެފަ އެވެ.