01 ޖެނުއަރީ 2024 - 15:24

މެޑިކަލް ޗެކަޕް ހަދަން ފަށާނީ 50 އަހަރުން މަތީގެ މީހުންނަށް ކަމަށާއި އެ ހިދުމަތް ދޭނީ ސަރުކާރުގެ ހެލްތު ފެސިލިޓީސްތަކުގައި އެކަނި ކަމަށް އާސަންދައިން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގައި ހިމެނޭ މެޑިކަލް ޗެކަޕް ހަދަން ފެށުމަށްފަހު، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް ބައްޓަންކޮށްފައިވަނީ، ކަމާގުޅޭ ޑޮކްޓަރުންގެ މަޝްވަރާތަކާއެކު، އެންމެ ގިނަ ދިވެހިން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށެވެ.

އޭގައި، ހިތާއި ކިޑްނީ ބަލިތަކާއި ކެންސަރު، އަދި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރު ބަލި ހިމެނެ އެވެ.
ހަމަ އެ ގޮތަށް، އެ ޕެކޭޖުތަކަށް ގެންނަންޖެހޭ ބަދަލެއް ފަހުން ވެސް ގެންނާނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެޑިކަލް ޗެކަޕް ފަށާނީ އެކި އުމުރުތަކަށް ބަހާލައިގެން ކަމަށެވެ. އެންމެ ފުރަތަމަ، މިއަދު އެ ހިދުމަތް ފަށާފައިވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.
ދެން އެންމެ އަވަހަށް ފަށަން ހަމަޖައްސާފައިވަނީ 35-49 އަހަރާ ދެމެދުގެ މީހުން އަދި 19 އަހަރުން ދަށުގެ ސްކޫލު ކުދިންނަށް، އަންނަ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުދިންނަށް މިހާރު ވެސް ސްކްރީނިން ހިންގަ އެވެ. އެކަމަކު، ސަރުކާރުން ވަނީ އެ ޕްރޮގްރާމް މުރާޖައާކުރުމަށްފަހު އޭޕްރީލް މަހު ފަށަން ނިންމައިފަ އެވެ.
ޒުވާން އުމުރު، 19-34 އަހަރާ ދެމެދުގެ މީހުންނަށް ޗެކަޕް ހަދަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.
ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕްގައި އެންމެ ފުރަތަމަ އުމުރުން ދުވަސްވީ މީހުން ހިމެނީ، ބޮޑެތި ބަލިތައް ގިނައިން ތަހައްމަލުކުރަމުން ދަނީ އެ އުމުރުގެ މީހުންނަށް ވުމުން ކަމަށެވެ. އެހެންވެ، ބަލި ނުޖެހި ތިބި ޕޮޕިއުލޭޝަން، މެޑިކަލް ޗެކަޕްގެ ސަބަބުން ދެނެގަނެވޭނެކަން ފާހަގަކުރެއްވި އެވެ.
މެޑިކަލް ޗެކަޕްގައި ހަދާނީ ލެއާއި ކުޑަކަމުދާ އަދި ބޮޑުކަމުދާ ތަކެތީގެ ޓެސްޓެވެ.
އޭނާ ވިދާޅުވި ގޮތުގައި މެޑިކަލް ޗެކަޕް ފުރިހަމަވާނީ ޓެސްޓުތައް ހަދައި، ރިޕޯޓުތައް ޑޮކްޓަރަށް ދެއްކުމުންނެވެ. އަހަރުގެ ދެ ވަނަ މެޑިކަލް ޗެކަޕް ހެދޭނީ 6 މަސް ފަހުންނެވެ. އެކަމަކު، އެ ޓެސްޓު ހެދޭނީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ކަމަށް ވިދާޅުވި އެވެ.
ޕެކޭޖުތައް ހަދާފައިވަނީ 50 އަހަރުން މަތި، 35-49 އަހަރު، 19-34 އަހަރު އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ވަކިންނެވެ.
އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ހެލްތު ސެންޓަރާއި ކްލިނިކް އަދި ހޮސްޕިޓަލްތަކުން އެކަންޏެވެ. ނަމަވެސް، އެއާ އެކީގައި، ފަރުވާ ހޯދާ މީހުން އިތުރުވެ، ހިދުމަތް ލަސްވުމުގެ ފުރުސަތު އޮވެދާނެތީ، އެކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ ޖަވާބު ދީފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، މެޑިކަލް ޗެކަޕް އަށް އެޕޮއިންޓްމަންޓް ހެދުމަށް 7226614 އަށް ގުޅުމުން ނަން ނޯޓު ކުރެވޭނެ ކަމަށެވެ. އެއަށްފަހު، އެޕޮއިންޓްމަންޓް ހަމަ ޖެހުމުން އެކަން އައިޖީއެމްއެޗުން އަންގާނެ ކަމަށާއި ޓެސްޓު ހެދުމަށް ތައްޔާރުވާންޖެހޭ ގޮތުގެ ގައިޑެންސް ވެސް ހޮސްޕިޓަލުން ދޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެޕޮއިންޓްމަންޓް ހަމަޖެހުމުން ޓޯކަން ނަމްބަރު ނަގައި ކައުންޓަރަށް ދިއުމުން މެމޯ ހަދައިދޭނެ ކަމަށާއި ޓެސްޓު ހަދަން ދާންވީ ތަން ވެސް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެސްޓުގެ ރިޕޯޓު ހަތަރު ގަޑިއިރުގެ ތެރޭގައި ނިމޭނެ ކަމަށާއި ޑޮކްޓަރަށް ދައްކާއިރު ބޮޑު ބައްޔެއް ފާހަގަވާނަމަ އެ ބައްޔެއްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ރިފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުން މެޑިކަލް ޗެކަޕް ހެދޭނީ އައިޖީއެމްއެޗްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލް އަދި ޓެސްޓުތައް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލުން ހިންގާ ޖީޕީ ކްލިނިކުންނެވެ. އެ ކްލިނިކް ހުންނާނީ ހިޔާގެ 16 ވަނަ ޓަވަރުގެ ތިރީގަ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް މެޑިކަލް ޗެކަޕް ހެދުނަސް، އެ ހިދުމަތުގައި ލަސްތަކެއް ވެދާނެ ކަމަށް ބުންޏެވެ.
ހަލީމް ވިދާޅުވީ ހޮނިހިރު އަދި ބުދަ ދުވަހު ހާއްސަކޮށްފައިވަނީ އެޕޮއިންޓަމްންޓް ހެދުމަށް ކަމަށެވެ. ހެލްތު ޗެކަޕް ހަދާނީ އާދިއްތަ އަދި ބުރާސްފަތި ދުވަހު ކަމަށާއި ކޮންސަލްޓޭޝަން އޮންނާނީ އަންގާރަ އަދި ހޮނހިރު ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޑިމާންޑަށް ބަލައި އެ ދުވަސްތަކަށް ބަދަލުތައް ގެންނާނެ އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މެޑިކަލް ޗެކަޕްގައި ހިމެނޭ ޓެސްޓުތައް ގިނަ ހެލްތު ސެންޓަރުން ހެދޭނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ރަށެއްގެ ސިއްހީ މަރުކަޒުން ނުހެދޭ ޓެސްޓުތައް ވެސް، ކައިރި ރަށަކަށް ސާމްޕަލް ފޮނުވައިގެން ހެދޭނެ ކަމަށް ގޮތްތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.