02 ޖެނުއަރީ 2024 - 11:39

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތާއި ދަރަންޏާއި އާމްދަނީ ލިބޭ ނަމަ، ފައިސާ އިތުރަށް ޗާޕުކުރަން ހުއްޓާލުމުގެ އަސަރެއް ކޭޝްފްލޯ އަށް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ދިން ހުއްދައިގެ މުއްދަތު އިތުރުނުކުރަން ނިންމައި، އެކަން އާ ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ.
ފާއިތުވި ތިން އަހަރު ތެރޭގައި ދައުލަތުން އޯވަޑްރޯ ކުރި ފައިސާގެ އަދަދު 8.2 ބިލިއަން ރުފިޔާ އަށް އަރާއިރު، އެ ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައި ވަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށެވެ.
އެ ފައިސާ ނުލިބޭ ގޮތަށް އޯވަޑްރޯ ކުރުން ހުއްޓައިލުމުން ކޭޝްފްލޯ މެނޭޖުކުރަން ދަތިވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވި ގޮތުގައި، ދެ ބިލިއަން ރުފިޔާގެ ސީލިން ހަމަވެފައި އޮތުމުން އޯޑީ ފެސިލިޓީން މިދުވަސްވަރު ކޭޝްފްލޯ އަށް ލިބޭ ޖާގައެއް ނޯންނަ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް ދަރަންޏާއި އާމްދަނީ ލިބޭ ނަމަ، ކޭޝްފްލޯ މެނޭޖުކުރުމުގައި ދައްޗެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑެފިސިޓް ބަޖެޓެއް ވީމަ ބަޖެޓު މި ހަމަޖައްސަނީ ދަރަނި ނަގައިގެން. އެހެންވީމާ ޑެޓް އިންފްލޯސް އާއި ރެވެނިއު ލިބެމުންދާނަމަ، ކޭޝްފްލޯ މެނޭޖްކުރަން ދައްޗެއް ނުވާނެ،" ސަރުވަޝް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބަޖެޓަށް 300 މިލިއަން އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އޭގެ ތެރެއިން އާމްދަނީ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 33.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، ބަޖެޓު ޑެފިސިޓުގެ ގޮތުގައި 16.3 ބިލިއަން ރުފިޔާ ހަމަޖައްސަނީ އެތެރެ އާއި ބޭރުން ދަރަނި ނަގައިގެންނެވެ.
ބަޖެޓުގައި ހިމަނާފައި ވަނީ މި އަހަރު 10.4 ބިލިއަން ރުފިޔާ ބޭރުން ދަރަނި ނަގާ ގޮތަށެވެ. ބާކީ ހަމަޖައްސަނީ އެތެރޭން ނަގާ ދަރަނިންނެވެ.
އެކަމަކު ބަޖެޓުގައި ކަނޑައަޅާ އަދަދަށް އާމްދަނީ ނުލިބޭ އިރު، ލަފާކުރާ ވަރަށް ވުރެ ހަރަދު އިތުރުވެ، ކޮންމެ އަހަރަކު ވެސް އިތުރަށް ފައިސާ ހަރަދުކުރަން ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަ އެވެ.
މިދިޔަ އަހަރު ވެސް، ވަނީ ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް، އަހަރު ނިމެން އުޅެނިކޮށް ވަނީ 6.5 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވެގެން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.
ސަރުކާރުން ވަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް މިދިޔަ އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ.
އެކަމަކު ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް އާ ސަރުކާރުން ނިންމައި، އެކަން ވަނީ މި ފެށުނު އަހަރުން ފެށިގެން ހުއްޓާލާފަ އެވެ.
ފާއިތުވި ތިން އަހަރު ތެރޭގައި ދައުލަތުން އޯވަޑްރޯ ކުރި ފައިސާގެ އަދަދު 8.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއުރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ވަނީ ބަދަލުކޮށްފަ އެވެ.