ރަތްކަނޑުގައި ބޯޓަކަށް ހަމަލާދިން ހޫތީންގެ ބަޔަކަށް އެމެރިކާއިން ހަމަލާދީ މަރާލައިފި
ރަތްކަނޑުގައި ބޯޓަކަށް ހަމަލާދިން ހޫތީންގެ ބަޔަކަށް އެމެރިކާއިން ހަމަލާދީ މަރާލައިފި

ރަތްކަނޑުން ދަތުރުކުރި ކާގޯ ބޯޓަކަށް ހަމަލާ ދިނުމުން އެ ބޯޓުން އެހީއަށް އެދުމާ އެކު އެމެރިކާގެ ހެލިކޮޕްޓަރުތަކުން ހަމަލާދީ ހޫތީންގެ 10 މީހަކު މަރާލައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފައި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތަަކަށް ގެއްލުން ދޭން ކަމަށް ބުނެ އުޅަނދުތަކަށް ހަމަލާދޭ ޔަމަންގެ ހޫތީންނަށް ރައްދު ހަމަލާ ދިނީ ބޯޓަކުން އެހީއަށް އެދުމުން ކަމަށެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ 12 ޕަސެންޓް އުފުލާ ރަތްކަނޑުގައި ހޫތީންގެ ނުރައްކާ ބޮޑުވުމުން އެމެރިކާ އާއި އެކުވެރި ގައުމުތައް ގުޅިގެން ގެންދަނީ ފޯރިމަރަމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ މިއަދު ހަމަލާ ދިނީ ޑްރޯން އާއި މިސައިލް 24 ގަޑިއިރު ތެރޭ އެއް އުޅަނދަކަށް ދެ ފަހަރު ހަމަލާ ދިނުމުން އެ އުޅަނދުން އެހީއަށް އެދުމުން ކަމަށެވެ. އެ އުޅަނދަކީ ސިންގަޕޫރުގެ ދިދައިގައި ދަތުރުކުރާ، ޑެންމާކުގެ އުޅަނދެއް ކަމަށްވާ މާސްކް ހެންގްޒޫ ކާގޯ ބޯޓެވެ.

އެ އުޅަނދަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން އެއް މިސައިލް އެމެރިކާގެ އުޅަނދުތަކުން އިންޓަސެޕްޓްކޮށް ވައްޓާލާފައި ވާއިރު އަނެއް މިސައިލް ކާގޯ ބޯޓަށް އަމާޒުވި ކަމަށް އެމެރިކާއިން ބުންޏެވެ.

އެމެރިކާއިން ބުނީ އޭގެ ފަހުން ހޫތީންގެ ތިން އުޅަނދަކުން އެމެރިކާގެ ހެލިކޮޕްޓަރުތަކަށް ހަމަލާ ދޭން ފެށި ކަމަށާއި އެހެން އަމިއްލަ ދިފާއުގައި އެމެރިކާގެ ހެލިކޮޕްޓަރުތަކުން ވެސް ހަމަލާދީ ތިން އުޅަނދު ފައްތާލީ ކަމަށެވެ. އޭރު ހޫތީންގެ ކުދި ބޯޓުތައް ކާގޯ ބޯޓާ 65 ފޫޓް ކައިރިވެފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި ހޫތީންގެ ތިން އުޅަނދެއް ފައްތާލައި އެންމެން މަރާލާފައި ވާއިރު ހަތަރު ވަނަ އުޅަނދެއް އެ ސަރަހައްދުން ފިލައިގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ހަމަލާގައި ހޫތީންގެ 10 މީހަކު މަރުވިކަން ޔަމަންގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ސަލާމަތުން ހަތަރު މީހަކު ޔަމަން ބަނދަރަށް ދިޔަ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ޒަހަމްވެފައި ވާތީ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.

ސެންޓްރަލް ކޮމާންޑުން ބުނީ މިއީ ހޫތީން ނޮވެމްބަރު 19 ގެ ފަހުން ރަތްކަނޑުގައި ދިން މިފަދަ 23 ވަނަ ހަމަލާ ކަމަށެވެ.

މިއަދުގެ ހާދިސާއަށް ފަހު މާސްކް ޝިޕިން އިން ވަނީ ރަތްކަނޑުގައި އެ ކުންފުނީގެ އުޅަނދުތައް ދުއްވުން 48 ގަޑިއިރަށް މެދުކަނޑާލައިފަ އެވެ. -- އޭއެފްޕީ