31 ޑިސެމްބަރ 2023 - 18:11

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޑުޖައްސާލަން އެންގި ނަމަވެސް، ފުލުހުންނަށް ޕްރޮމޯޝަން ދިނުމުގައި އެތެރޭގެ އެއްވެސް މައްސަލައެއް ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި މި ވަގުތު ވެސް ތިއްބެވި ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވަނީ ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން 48 ގަޑިއިރަށް ވެފައިވަނިކޮށް، ޕްރޮމޯޝަން ދިން ކަން އަންގަވައި، އޭރުގެ އިންތިހާބީ ރައީސް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި މެސެޖުގައި އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެއީ މިދިޔަ އޮގަސްޓް މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށެވެ.
ނަމަވެސް ވެރިކަން ބަދަލުވުމުގެ މަރުހަލާ ތެރޭގައި އޭސީސީން ވަނީ ޕްރޮމޯޝަންތައް މަޑުޖައްސާލަން ފުލުހުންނަށް އަންގައިފަ އެވެ. އެކަމަކު އެއީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން ފުލުހުން އެކަން ޕީޖީގެ ސަމާލުކަމަށް ގެނައުމުން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ޕީޖީ ލަފާ ދެއްވީ އެވެ.
ސީޕީ ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެކަމާ މެދު މަޝްވަރާ ކުރުމަށް އޭސީސީއާ ބައްދަލުކުރައްވައި، ޕްރޮސެސް ހިނގަމުންދާ ގޮތް ބައްލަވާނެ ކަމަށެވެ.
ޕްރޮމޯޝަން ދިން އިރު އެގްޒެކްޓިވް ކޮމިޓީގައި ވެސް އިންނެވި ޝުޖާއު ވިދާޅުވީ، ފުލުހުންގެ އެތެރޭގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޕްރޮމޯޝަން ދީފައި ވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށާއި ގޯސް ކަމެއް ހިނގާފައިވާ ނަމަ ބަލައި ފިޔަވަޅު އަޅާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީން ވަނީ މި ޕްރޮމޯޝަންތަކުގެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ނިންމީ ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ފުލުހުންގެ ޕްރޮމޯޝަންގެ މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ހުށަހަޅާފަ އެވެ.