31 ޑިސެމްބަރ 2023 - 14:46

މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ އަދި ރޭޑިއޯ ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

ރެއިން ފެށިގެން ވެހެމުންދާ ވާރޭގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ގެތަކަށް ފެން ވަދެ، އެންޑީއެމްއޭ އިން ވަނީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.

ޕީއެސްއެމްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ރޭޑިއޯ ބިލްޑިންގްގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގެ ސީލިންގުގެ ބައެއް ވިއްސާރައިގައި ވެއްޓިފައިވާ ކަމަށެވެ.
އަމީނީ މަގުގައި ހުންނަ ޓީވީ ބިލްޑިންގްގެ ސްޓޫޑިއޯ އާއި ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެން ފައިބައި ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށާއި ނިއުސް ރޫމަށް ވެސް ފެންފައިބާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއްސާރައިގައި ޕީއެސްއެމްގެ އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ވަގުތީ ހައްލެއް ގެނެސް ނިއުސްރޫމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމްގެ ދެ އިމާރާތަކީ ވެސް ވަރަށް ދުވަސްވެފައިވާ ދެ އިމާރާތެވެ.