31 ޑިސެމްބަރ 2023 - 09:42

ބުދަ ދުވަހާ ގުޅޭ
ލުބާނާ ބޭނުންވީ ފަރްހާ ގޮވައިގެން ފުރާށެވެ. ރަޒީން ގަންނަ ސަކަރާތް ފަރްހާގެ ލޮލަށް ދެއްކުމަށް ޓަކައެވެ. ފަރްހާގެ މަގުސަދަކީ ކޮބައިކަމެއް، އޮޅުކޮށްގެން މި ގެންގުޅެވެނީ ކިހައި ވިހަ ގަދަ ހަރުފައެއްކަމެއް ލުބާނާއަކަށް ނޭނގެއެވެ.
"އަޅެ އަހަންނާ ހެދި ދޯ ޓްރިޕް ކެންސަލްވީ؟" ފުރަން ގެއިން ނުކުންނަމުން ތޫބާ ބުންޏެވެ. "އެހެން ފަހަރަކުން ވާނެ ދާން."
ތޫބާއަށް ނުދެވުނަސް ފަރްހާ ދާން ނިންމައިގެންހުރިކަމެއް ފަރްހާ ނުބުނެއެވެ. މާ ބޮޑު ސަބަބެއް އޮވެގެނެއް ނޫނެވެ. ދޮންތަ ދެރަވެދާނެތީއެވެ.
"އަސްލު ކީއްވެ އަހަރެން ޓްރިޕް ކެންސަލްކުރާށޭ ދޮންތަ ތި ބުނަނީ؟" ފަރްހާ އެހިއެވެ.
"އޯކޭ ފަރޫ ތިހާ ދާން ބޭނުމިއްޔާ ދިޔަސް،" ތޫބާގެ ނިންމުން ބަދަލުކުރިއެވެ. "އަހަންނާ ވެސް ލައިގެން މަޖާކުރާތި! ފޮޓޯނަގައްޗޭ! އަސްލު މި ޓްރިޕްގަ އަހަރެން އުޅުނީ ވަރަށް ބޮޑު ސީކްރެޓެއް ފަރޫއާ ޝެއާކުރާށޭ!"
"އަހަރެން ވެސް ބޭނުން ސީކްރެޓެއް ޝެއާކުރަން،" ވިސްނައިލާފައި ފަރްހާ ބުންޏެވެ. "އެކަމަކު ވަރަށް ޓައިމްލިބިގެން އެ ވާހަކަދެއްކޭނީ. ފަހަރެއްގަ ދޮންތަ... ދެން ފަހުން. ފްލައިޓް ކަޓާފާނެ."
އެ ހިސާބުން ދެބެން ވަކިވީއެވެ. ދައްކަން އުޅެވުނީ އެއްވާހަކައެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ދަތުރުގައި ތޫބާ ބައިވެރިނުވާތީ ފަރްހާ އަލުންބަލުން ދަތުރަށް ތައްޔާރުވިއެވެ. އެ ދަތުރަކީ ލުބާނާ ކައިވެނީގެ ފަހު މަންޒިލަށްވާން ފަރްހާ ބޭނުމެވެ. ތިން ދުވަހުގެ ކުރު ދަތުރެއް ނަމަވެސް، ޒީނަތްތެރިވާން ބޭނުންވާ ހުރިހައި ސާމާނެއް ހަމަޔަށް ގެންދަން ފަރްހާ އިސްކަންދިނެވެ. އެންމެ ގަޔާވާ ހެދުންތަކާއި، ފައިވާން ވެސް ފޮށްޓަށްލިއެވެ. ފަރްހާގެ އަމާޒަކީ މޫދަށްއެރުމެއް ނޫނެވެ. ރަޒީންގެ ހިތަށްއެރުމެވެ. ވީހައި ވެސް އަޑިއަކަށް ފީނުމެވެ.
ކުރިން ނޭނގޭ ކަމެއް، ފާލަމާ ހިސާބުން ފަރްހާއަށް އެނގުނެވެ. ރަޒީންގެ މަންމަ މައުސޫމާއާއި ލުބާނާގެ މަންމަ ހަފީޒާ ވެސް ދަތުރުގައި ބައިވެރިވެއެވެ. އެއީ ކުރިއްސުރެ އެކުވެރިންނެވެ. ފަރްހާ ފެނުމުން ހަފީޒާގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. ފަރްހާގެ ފައިން ފެށިގެން ބޮލަށް ހަފީޒާ ބަލައިލިކަން ވެސް ފަރްހާއަށް ފާހަގަވިއެވެ. ލޯންޗުގައި އިށީން އިރު ލުބާނާ އިށީނީ ފަރްހާ ކައިރީގައެވެ. ރަޒީން އިނީ އެކަނިވެފައެވެ. އެ ކަށި ވެސް ހަފީޒާގެ ލޮލަށް ހެރުނެވެ. ލުބާނާއަށް ގޮވައި ގެނައެވެ. ހަފީޒާ ކައިރީގައި ލުބާނާ ބައިންދައިގެން ނަސޭހަތްދިނެވެ.
"ނުގެންނާށޭ ބުނީމަ ވެސް ގެނައީޔޭ!" ހަފީޒާ މަޑުމަޑުން ބުންޏެވެ. "މަންމަ ކިތައް ފަހަރު ބުނާނީ..."
"މަންމާ! ރިސޯޓަށް ދެވުނީމަ ފަރޫއަށް ނުފެނި ވެސް މަންމައަށް އުޅެވޭނެ،" ލުބާނާ ބުންޏެވެ. "އެއީ ބޮޑު ރަށެއްނު!"
"އެކަމަކު ދެވެންދެން ލޯކުރިމަތީގަ އިންނާނެއްނު،" ވައްކަޅިން ފަރްހާއަށް ބަލައިލަމުން ހަފީޒާ ބުންޏެވެ. "އޭނަ ކީއްވެބާ އެހާ މޭކަޕްކޮށްގެން އެއައީ؟ ދަރިފުޅު ގޮސް ރަޒީން ކައިރީގަ އިނދޭ! އަހަންނަކަށް ހިޔެއްނުވޭ ފަރްހާ އެ އުޅެނީ ސަހަލުކަމަކުހެނެއް. ރަޒީނާ ދިމާއަށް ފަރްހާ ބަލާ ގޮތް ދަރިފުޅަކަށް ފާހަގައެއް ނުކުރެވޭތަ؟"
"މަންމައަށް އޭނަ ނޭނގޭތީ އަބަދު ތިހެން ތި ކިޔަނީ." ލުބާނާ ޗޮކެއްކަނޑައިފައި ބުންޏެވެ.
"ދަރިފުޅަށް ދުނިޔެ ނޭނގޭތީ ތިހެން ތި ބުނަނީ،" ހަފީޒާ ބުންޏެވެ. "ދެން ދޭ ރަޒީން ކައިރިއަށް. އޭނަ އެކަނިވިޔަނުދޭތި!"
ލުބާނާއަށް ހަފީޒާ ވިސްނައިދޭތަނާއި، ފަރްހާއާ ދިމާއަށް ބަލާކަން ފަރްހާއަށް ނޭނގެނީކީ ނޫނެވެ. މަންމަ ކައިރިން ތެދުވެގެން ރަޒީން ގާތަށް ދިޔުމުން، މަންމަ ދިނީ ކޮން ނަސޭހަތެއްކަން ވެސް ފަރްހާއަށް ވިސްނުނެވެ. ހިތާހިތުން ފަރްހާ ބުންޏެވެ. މަންމަ ދޭ ނަސޭހަތް އަޑުއަހާށެވެ. ނޫނީ ފަހުން ހިތާމަކުރާނެއެވެ.
ދަތުރަކީ ގަޑިއެއްހައި އިރުގެ ދަތުރެކެވެ. ކިތަންމެ ދުރުގައި ތިއްބަސް، ރަޒީންއާއި ފަރްހާ ތިބީ މެސެޖުން ގުޅިފައެވެ. ގާތުގައި އިން ލުބާނާއަށް، ކުޑަކޮށް ވެސް ޝައްކެއްނުވެއެވެ. ރަޒީނޭ ކިޔައިގެން ލުބާނާ ފޮނުވި މެސެޖުތަކަށް ޖަވާބުދެމުން، ބަރާބަރަށް ރަޒީނަށް އެ ވާހަކަ ކިޔައިދެމުން ފަރްހާ ގެންދިޔައީ، ތުންފަތަށް ކުޑަ ވެސް ހިނިތުންވުމެއް ގެނައުމަކާ ނުލައެވެ. ރިސޯޓުގެ ފާލަމަށް ލާންޗު ކައިރިކުރުމާއެކު ރަޒީން ފޭބިއެވެ. އެހެން މީހުން ބޭލުވުމަށް އެހީވިއެވެ. ފަރްހާގެ އަތުގައި ހިފައި އަތަށް ފިތައިލި ވެސްމެއެވެ. ހިނިއައި ނަމަވެސް، އެހެން މީހަކަށް ފަރްހާ އެ ކަން އެނގުނަކަ ނުދެއެވެ.
ފަރްހާގެ ކޮޓަރި ހުރީ ލުބާނާގެ ކޮޓަރިޔާ ދިމާ މަތީގައެވެ. ދެ މަންމަ ދިޔައީ މުޅީން އެހެން ދިމާއަކަށެވެ. ކޮޓަރިއަށް ވަން ގޮތަށް ލުބާނާ އެނދުގައި އޮށޯވެލިއެވެ. ސޯޓަށް ބަދަލުކޮށްލައިގެން ރަޒީން ނުކުތީ އަތިރިމައްޗަށެވެ. ދެމަފިރިންނަސް، އެ ދެމެދުގައި މާ ބޮޑު ގުޅުމެއް ނެތް ކަހަލައެވެ. ރަޒީން މޫދަށްއެރޭ ތަން ބަލަން ފަރްހާ ބެލްކަނީގައި ހުއްޓެވެ. މޫދަށް އަންނާށޭ ބުނެ ރަޒީން ހަނާއަޅައިލިއެވެ. ފަރްހާ ބޮލުން ނޫނެކޭ ބުންޏެވެ. ދެމީހުންގެ ގުޅުން އެހެން މީހުންނަށް ދައްކާކަށް ފަރްހާ ބޭނުމެއް ނޫނެވެ.
މެންދުރުފަހު ފަރްހާ ޕޫލަށް އެރުނެވެ. އާންމުކޮށް ޕޫލަށް އެރޭ އިރު ލާ ކަހަލަ ހެދުމެއް ލައިގެންނެވެ. އޭރު ރަޒީންއާއި ލުބާނާ ތިބީ ޕޫލް ކައިރީގައި ހުރި ގޮނޑިއެއްގައި ކޮޕީބޯށެވެ. ފަރްހާ ލައިގެން ހުރި ހެދުން ހީވަނީ ދަގަތްފާނުން ފަހާފައިހުރިހެންނެވެ. ރަޒީންގެ ލޯ ހެދުމުގައި ތަތްލި ގޮތަކަށް ނުއެއް ނެއްޓުނެވެ. ފަރްހާގެ ބޭނުމަކީ އެއީއެވެ.
"ފަރޫ ހީވަނީ ގެސްޓު ކުއްޖެއްހެން ދޯ؟" ލުބާނާ ބުނި އަޑުއިވުނެވެ. "އަހަރެން ސުވިމްސޫޓެއް ލައިފިއްޔާ އެހެން ހުންނާނެބާ؟"
ރަޒީން ކުއްލިއަކަށް ލުބާނާއަށް ބަލައިލިއެވެ. އެހެނަސް ޖަވާބެއް ނުދިނެވެ.
"ބުނެބަލަ!" ލުބާނާ އެދުނެވެ. "ހީވޭތަ ފަރޫހެން އަހަރެން ހުންނާނެހެން."
"ނޯ ކޮމެންޓް!" ރަޒީން އެހެން ބުނެފައި އެ ތަނުން ތެދުވީއެވެ.
އެ ދުވަހުގެ އިރުއޮއްސޭ މަންޒަރު ވަރަށް ރީއްޗެވެ. އަނގުރުގަނޑެއްހެން އުދަރެސް އޮތީ ދިއްލިފައެވެ. މޫދު ހީވަނީ ވިރިކެކޭ އަލިފާންގަނޑެއްހެންނެވެ. އެ ދިމާ ފާލަމުގެ ކޮޅުގައި، ރަތްކުލައިގެ ބޮޑު ހެދުމެއް ލައިގެންހުރި ފަރްހާ ހީވަނީ އަލިފާނުގެ ހުޅުގަނޑުހެންނެވެ. އެ މަންޒަރު ބަލަން، ކޮންމެވެސް ތަނެއްގައި ރަޒީން ހުންނާނެކަން ފަރްހާއަށް އެނގެއެވެ. އެ ވަގުތު ފަރްހާގެ ފޯނަށް މެސެޖެއްއައެވެ. ފަރްހާ ބަލައިލި އިރު އެއީ ރަޒީން ފޮނުވި ފޮޓޯއެކެވެ. ފާލަމުގެ އަނެއް ކޮޅުގައި ހުރެގެން ނަގާފައިވާ ފޮޓޯއެކެވެ. ފަރްހާ ހިތަށްއެރިއެވެ. ގަދަކަމުން ވިޔަސް ރަޒީން ގެންނާނަމެވެ. ލޯބިވަންޏާ ޖެހޭނީ އަންނާށެވެ. ފަރްހާ އެނބުރިފައި ރަޒީނަށް ބަލައިލިއެވެ. ރަޒީން ކޮޓަރިން ނުކުތް އިރު ލުބާނާ ފުނާއަޅަނީއެވެ. އިރުކޮޅެއް ނުވެ އަންނާނެކަން ރަޒީނަށް އެނގެއެވެ. ފަރްހާޔާ ދިމާއަށް ރަޒީން ދުއްވައިގަތެވެ. އެ ހުޅުގަނޑުގައިޖެހި އަނދައި އަޅިއަށްވިއެވެ. އެހެނަސް އެއީ ހިޔާލެކެވެ. ރަޒީން ހުރީ، ހުރި ފިޔަވަޅު މަތީގައެވެ.
"ބަލައިލާނަން ކިހައި އިރަކު ހުރެވޭތޯ!" ހިތާހިތުން ފަރްހާ ބުންޏެވެ.
ރަޒީން ކުރިޔަށް ހިނގައިގަތެވެ. ލުބާނާއަށް ފެނުނަސް ހެޔޮކަމަށް ނިންމައިފައެވެ.
"ބިރެއްނުގަނޭ؟" އިވޭ ހިސާބަށް ރަޒީން އައުމުން ފަރްހާ ބުންޏެވެ. "ތިހެން އުޅެނިކޮށް އަނދާފާނެ އިނގޭ! ވައިފް އެހެރީ ފަހަތުގަ."
"އަނދާފާނެތީ ބިރުގަންނަ މީހަކު އަލިފާންގަނޑަކާ ދިމާއަކަށް ނާންނާނެ،" ފަހަތް ނުބަލައި، ވަރަށް ސާބިތުކަމާ އެކުގައި ރަޒީން ބުންޏެވެ. "އަހަރެން ދެކެ ލޯބިވޭތަ؟"
"ތިހެން ބުނާކަށް ލަދެއްނުގަނޭތަ؟" ލާނެތް ރާގަކަށް ފަރްހާ ބުންޏެވެ. "މީ ލުބާގެ ދައްތައޭ!"
"ލަދާ، ބިރާ، ހިތާ ފޮށްޓަކަށްލާ ތަޅުލާފަ، ތަޅުދަނޑި ހިފައިގެން މި އައީ،" ފަރްހާގެ އަތުގައި ހިފާފައި، ނުފެންނަ ތަޅުގަނޑި އެ އަތަށް ލަމުން ރަޒީން ބުންޏެވެ. "ކީ ބޭނުމިއްޔާ މުށްލައްޕާ!"
ފަރްހާ މުށްލެއްޕިއެވެ. ފުރަތަމަ ލަވަ ފެށިއެވެ. އެރެޔަކީ ލައިވްޝޯއެއް އޮތް ރެޔެކެވެ. އިވެމުންދިޔައީ މުސްކުޅި އިނގެރޭސިލަވައެކެވެ. ލަވައިގެ މާނަޔާ އެއްގޮތްވާ ގޮތުގެ މަތީން ތަނަށް ވެރިވެފައިވަނީ ލޯބީގެ ބަނަފިނިކަމެވެ. ޖޯޑުޖޯޑަށް މެހުމާނުން ނުކުމެ، ހަޔާތުގެ ބައިވެރިޔާއާ އެކުގައި ލަސް ހަރަކާތްތަކެއް ކުރަމުންގެންދިޔަ އިރު، ރެސްޓޯރަންޓުގައި ހުރި މޭޒެއް ދޮށުގައި ލުބާނާ އެކަނިމާއެކަނި، އިސްޖަހާލައިގެން އިނެވެ. ފަޔަށް ލެވުނުހައި ބާރެއްލައިފައި، އަވަސް ހިނގުމެއްގައި ފަރްހާ އައިސް ލުބާނާ ކައިރީގައި އިށީނެެވެ.
"ލުބާ ގުޅީމަ އަވަސްކުރަންހަދައިގެން ފުނާ ވެސް ނާޅާ މި އައީ،" ފަރްހާ ބުންޏެވެ. "ކިހިނެއްވީ؟ ރޮނީތަ؟"
ލުބާނާ ހުއްޓައެއްނުލިއެވެ. ގިސްލަގިސްލާފައި ރުއީއެވެ. ކަރުނަޔަކަށް ފަހު ކަރުނައެކެވެ. ޓިޝޫއަކަށް ފަހު ޓިޝޫއެކެވެ.
"ކިހިނެއްހޭ ވީ؟" ފަރްހާ މަޑުމަޑުން އެހިއެވެ. "ހިނގާބަލަ މޫދުކައިރިއަށް. މި ތަން މާ އަޑުގަދައެއްނު!"
ލުބާނާގެ އަތުގައި ފަރްހާ ހިފުމުން ލުބާނާ އަތްފޮޅުވައިލިއެވެ. ނުވެސް ތެދުވިއެވެ. ވާހަކައެއް ނުދެއްކިއެވެ. ރޯލަރޯލާ އިނީއެވެ.
"ވާހަކަނުދައްކަންޏާ ކީއްކުރަން އަހަންނަށް ގުޅީ؟" ހިތްހަމަނުޖެހިފައި ފަރްހާ އެހިއެވެ. "ދަނީ އަހަރެން."
ފަރްހާ އެހެން ބުނުމާއެކު ލުބާނާ ފުންމައިގެން ތެދުވިއެވެ. ދަބަހާއި ފޯނު ބާއްވާފައި ހިނގައިގަތެވެ. ފޯނާއި ދަބަސް ހިފައިގެން، ލުބާނާ ފަހަތުން ފަރްހާ ހިނގައިގަތެވެ. ލުބާނާ ހިނގީ ވަރަށް ބާރަށެވެ.
"ތިހާ ބާރަކަށް އަހަންނަކަށް ނުހިނގޭނެ،" ހިނގޭ އެންމެ ބާރަކަށް ހިނގަމުން ފަރްހާ ބުންޏެވެ. "ކޮބާ ރަޒީން؟"
"އޭނައަށް ގުޅާފަ އަހާބަލަ!" ލުބާނާ ހަޅޭއްލަވައިގަތެވެ. "އަހަންނަށް ކިހިނެއްތަ އެނގެނީ؟"
ފަރްހާއާ ދިމާއަށް ހަޅޭއްލަވައިގަނެވުނީތީ، ކުރިޔަށް ވުރެ ބޮޑަށް ލުބާނާ ދެރަވިއެވެ. ފަރްހާ ގައިގައި ބައްދައިލައިގެން ރޯން ފެށިއެވެ.
"މަންމަ ގުޅީމަ އަހަރެން ދިޔައީ މަންމަ ކައިރިއަށް،" ލުބާނާ ކިޔައިދިނެވެ. "ގޮއްސަ އައި އިރު ރަޒީން ރޫމަކު ނެތް. ދެން އަހަރެން އެރީ ފަރޫގެ ރޫމަށް. ފަރޫ ނެތީމަ ބެލްކަނީގަ ބޭރުބަލަން އަހަރެން ހުއްޓާ، ކޮންމެވެސް އަންހެންކުއްޖަކާ ސަކަރާތްޖަހަމުން ރަޒީން ދިޔައީ. މަތިންވީމަ އެކުއްޖާގެ މޫނެއް ނުފެނުނު. ފަރޫ ލައިގެން ތިހިރަ ކުލައިގެ ހެދުމެއްލާފަ، ރެޑް ސްކާފެއް ބޮލުގައަޅާފަ ހުރީ. އަހަންނަކަށް ނޭނގެ އެމީހުން ވަން ތަނެއް. ދެން ގުޅާގުޅާ ރަޒީން ފޯނެއް ނުނެގި."
ފަރްހާ އަތުގައި އޮތް ރަތް ސްކާފު ފަރްހާގެ މުށުތެރެއަށް ބޮނޑިކޮށްލިއެވެ.
"އެއީ ރޯވަރުކަމެއް ނޫނެއްނު!" ބޮލުގައި ފިރުމައިލަމުން ފަރްހާ ބުންޏެވެ. "އެ ވެދާނެއްނު ފްރެންޑަކަށް ވެސް."
ފަރްހާ އަތުގައި އޮތް ލުބާނާގެ ފޯނު ޖަހައިގެންފައި، އެއިން މެސެޖެއް ހޯދާފައި ފަރްހާއަށް ދައްކައިލިއެވެ.
"އަހަރެން ލުބާނާ ވަރިކޮށްފިން." ރަޒީން ފޮނުވި މެސެޖުގައި އޮތެވެ.
ނުނިމޭ