31 ޑިސެމްބަރ 2023 - 09:08

ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ނިންމުމާ ގުޅިގެން، ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ ފަސް އަހަރުގެ މުއްދަތަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް ބޭނުންވާ ކަމަށެވެ.
އޭގެ ބޭނުމަކީ، އެ ކުންފުނިން ބުނި ގޮތުގައި، މޯލްޑިވިއަނުން ރާއްޖޭން ބޭރަށް މިހާރު ކުރާ ސީދާ ދަތުރުތައް އިތުރުކޮށް، އެ އެއާލައިނުގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމެވެ.
ޑްރައި ލީސް އުސޫލުން މަތިންދާބޯޓު ކުއްޔަށް ނަގަނީ މަރާމާތާއި ތެލާއި ކްރޫ ފަދަ އޮޕަރޭޝަނަލް ހުރިހާ ހަރަދެއް ބޯޓު ކުއްޔަށް ނަގާ ފަރާތުން ކުރާ ގޮތަށެވެ.
ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވައިލި، އެ ބިޑު ހުށަހެޅުމުގެ ފުރުސަތުގައި އެ މަތިންދާބޯޓު، ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފޯރުކޮށްދޭންޖެހޭނެ ކަމަށް ބުންޏެވެ.
ބިޑު ހުށަހެޅުމުގެ ފުރުސަތު އޮތީ އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.
އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފެށީ، މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް، ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ނިންމައި އެކަން އިއުލާނު
ކޮށްފައި ވަނިކޮށެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީ އެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަން ހާމަކުރައްވައިފަ އެވެ.
އޭނާ އެ ދުވަހު ވިދާޅުވީ އެ ކަން ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަނަށް ދެ އެއާކްރާފްޓް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އެކަމަށް އިންވެސްޓު ކުރަންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީއަށް ލިބި ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
ޝަހީބު ވިދާޅުވި ގޮތުގައި، އެންމެ އިސްކަމެއް ދޭނެ މަންޒިލެއް ގޮތުގައި ޗައިނާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ. މީގެ ކުރިން ވެސް މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.