31 ޑިސެމްބަރ 2023 - 06:52

ކޮރަޕްޝަންގެ ކުށުގައި ތިން އަހަރަަށް ޖަލަށް ލާފައިވާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފެބްރުއަރީ މަހުގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކަނޑައަޅައިފި އެވެ.
އިމްރާންގެ ވަކީލުން ވަނީ މި ނިންމުން އިސްތިއުނާފްކުރާނެ ކަމަށް ބުނެފަ އެވެ. އިމްރާންގެ ވަކީލް އަޒްހަރު ސިއްދީގީ ވިދާޅުވީ މިއީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށާއި މިކަމުގެ ފަހަތުގައި ތިބީ އިމްރާން ވެރިކަމުން ދުރުކުމުގައި ވެސް އުޅުނު މީހުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތީ ކެންޑިޑޭޓެއްގައި ހަމަވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަނުވާތީ ކަމަށް ވަނީ ބުނެފަ އެވެ. އިމްރާންގެ އިތުރުން އޭނާގެ ކެބިނެޓުގައި ހިމެނުނު އެއްވެސް ބޭފުޅެއްގެ ކެންޑިޑެސީ ވެސް ބަލައެއް ނުގަނެ އެވެ.
ބޮޑުވަޒީރުކަމުން ދުރުކޮށް އެކި ދައުވާތައް ކުރުމަށް ފަހު ހައްޔަރުކޮށް ޖަލަށްލި އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ކުށުގެ އިތުރުން ދައުލަތުގެ ސިއްރުތައް ލީކުރުކުން ފަދަ ސީރިއަސް އެހެން ތުހުމަތުތައް ވެސް ކުރެ އެވެ. އެހެންވެ މިހާރު އިއްވާފައިވާ ހުކުމަށް ކަފާލާތު ލިބުމުން ވެސް އަދިވެސް ހުރީ ޖަލުގަ އެވެ. އިމްރާންގެ ކެންޑިޑެސީ ހުށަހެޅީ މި ކަފާލާތުގެ މައްޗަށް ބުރަވެ އެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީއަށް ގާނޫނީ ގޮތުން އެކި ދަތިތައް ކުރިމަކޮށްފައި ވާއިރު އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުން ވެފައި ވަނީ ލިބުނު އިތުރު ގެއްލުމަކަށެވެ. އުމުރުން 71 އަހަރުގެ އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމުގެ އިތުރުން، ޕާޓީ ލޯގޯ ކަމަށްވާ ކްރިކެޓް ބެޓްގެ ނިޝާން ބޭނުންކުރުން ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މަނާކޮށްފަ އެވެ.
އިމްރާން ވެރިކަމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު، ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އޭގެ ފަހުން ސަރުކާރުގެ އެކި އިދާރާތަކުން އޭނާގެ އެކި މައްސަލަތައް ދަނީ ފެންމަތިކުރަމުންނެވެ.