30 ޑިސެމްބަރ 2023 - 06:14

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކަށް ވާގިވެރިވާ އެންމެންނަށް ގެއްލުން ދޭނެ ކަމުގެ އިންޒާރާ އެކު ޔަމަންގެ ހޫތީން ރަތް ކަނޑުގައި އެކި ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާދޭން ފެށުމުން ޔޫރަޕްގެ ތެޔޮ ބޯޓުތައް ދިގު އަދި އަގުބޮޑު މަގަކަށް ދަތުރުތައް ބަދަލުކޮށްފި އެވެ.

އުޅަނދުތައް ދަތުރުކުރާ ގޮތް ފެންނަ ޓްރެކިން ޑޭޓާތަކުން އެނގޭ ގޮތުގައި މެދުއިރުމައްޗާއި އިންޑިއާ އިން ޔޫރަޕަށް ގެންދާ ޑީސަލާއި ޖެޓް ފިއުލް އުފުލާ ބޯޓުތައް މިހާރު ދަނީ އެފްރިކާ ވަށާލައިފަ އެވެ. ރަތްކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް ގެންދާ މަގެވެ. މިއީ ބައްރުތަކުގެ މެދުގައި މަގު ކުރުކޮށްދޭ މަގެކެވެ.
އިޒްރޭލަށް ގުޅުން އޮންނަ ވިޔަފާރިތަކާއި ގައުމުތަކުގެ މުދާ ހުންނަ އުޅަނދުތަކަށް ޔަމަންގެ ހޫތީން ހަމަލާދީ އަދި އެތައް ހަމަލާއެއް ދޭން މަސައްކަތް ކޮށްފައި ވާތީ މިހާރު އަލަށް ބޭނުންކުރާ މަގުގެ ސަބަބުން ޔޫރަޕަށް މުދާ ގެންދަ ހޭދަވާ މުއްދަތު ގާތްގަނޑަކަށް ތިން ހަފްތާ އިތުރުވާނެ އެވެ. މަގު ދިގުވުމުގެ ސަބަބުން ސަޕްލައިއަށް ދަތިވުމާ އެކު މުދަލުގެ ފްރައިޓް ވެސް ބޮޑުވާނެ އެވެ. އެހެންވެ ޔޫރަޕްގައި ހަކަތައިގެ ބާވަތްތަކުގެ އަގު ބޮޑުވުމާއި ލިބުން ދަތިވުމުގެ މައްސަލަ ވެސް ކުރިމަތިވެދާނެ އެވެ.
ބައެއް ކުންފުނިތަކުގެ އުޅަނދުތައް މަގު ބަދަލުކުރި ނަމަވެސް މިހާރު ވެސް ބައެއް ކުންފުނިތަކުން ގެންދަނީ ރަތް ކަނޑާއި ސުއެޒް ކެނަލްގެ ކުރު މަގު ބޭނުންކުރަމުންނެވެ. ކުރިން މި މަގު ބޭނުންކުރުން ހުއްޓާލި ބައެއް ކުންފުނިތަކުން އަލުން ބޭނުންކުރަން ފަށާފައިވަނީ ކަނޑުމަތި ބެލެއްޓުމުގެ މަސައްކަތް އެމެރިކާ އިސްވެ އޮވެ އެކި ގައުމުތަކާ ގުޅިގެން ފެށުމާ އެކުގަ އެވެ. -- ރޮއިޓާސް