އާ އެމްޑީގެ ވައުދާ އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނަގައިފި
އާ އެމްޑީގެ ވައުދާ އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނަގައިފި

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މާވެޔޮ މަގު މިސްކިތް ކަންމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ކަރަންޓު ޓްރާންސްފޯމަރު މަގުމަތިން ނަގައިފި އެވެ.

އާ އެމްޑީގެ ވައުދާ އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނަގައިފި
އާ އެމްޑީގެ ވައުދާ އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނަގައިފި

މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު މި ސަރުކާރުގައި ސްޓެލްކޯ ހިންގަން ހަވާލުކުރި ފަހުމީ އެ ދުވަހުގެ ހަވީރު ޓްރާންސްފޯމަރު ހުރި ސަރަހައްދަށް ވަޑައިގެން، އެ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ފެއްޓެވިކަން އިއުލާން ކުރެއްވި އެވެ. އެއީ އޭނާ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ނިންމެވި ކަންތައް ވެސް މެ އެވެ. އެ ދުވަހު ފަހުމީ ދެއްވި ޔަގީންކަމަކީ މި އަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރައްވާނެ ކަމެވެ.

އެ ޓްރާންސްފޯމަރުގެ ސަބަބުން ހިނގައިބިނގާވެ އުޅޭ މީހުންނާއި ވެހިކަލްތަކަށް ބޮޑެތި އުނދަގޫތަކެއް ވަމުން ދާތާ ހައެއްކަ އަހަރު ވީއިރު މިހާތަނަށް ސްޓެލްކޯގެ އެއްވެސް މެނޭޖުމަންޓަކުން އެ ކަމަށް ހައްލެއް ހޯދައި ނުދެވުނެވެ. މަސްޖިދުއް އަލީ ހުސައިން ނުވަތަ ގިނަ ބަޔަކަށް މަޝްހޫރު މާވެޔޮ މަގު މިސްކިތުގެ ރީތި ކަމަށް އަދި ވަދެ ނުކުތުމަށް ވެސް އެ ޓްރާންސްފޯމަރުގެ ސަބަބުން ވަނީ ހުރަސް އެޅިފަ އެވެ.

ފަހުމީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި އިރުޝާދުތަކާ އެކު ރައްޔިތުންނަށް ތަކުލީފަކަށް ވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހު ފަށާ އާ އަހަރާ އެކު، އެއްވެސް ހުރަހެއްނެތި އެ މަގުން ދަތުރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް،" ފަހުމީ ވިދާޅުވި އެވެ.

މާވެޔޮމަގު މިސްކިތް ކައިރީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޓްރާންސްފޯމަރު ބަދަލުކުރީ އެ ތަނާ މާ ދުރު ނޫން ސަރަހައްދަކަށެވެ.

މާވެޔޮ މިސްކިތް ކައިރީ އެ ޓްރާންސްފޯމަރު ބެހެއްޓީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. މިސްކިތިގެ ފަހަތުގައި އޮންނަ މަގުގެ އެއްބައި ގެއްލޭ ގޮތަށް އެ ޓްރާންސްފޯމަރު ބެހެއްޓުމުން އެތައް ބަޔަކަށް އުނދަގޫވެ، އެ ޝަކުވާ ސްޓެލްކޯ އަށް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެެވެ.