29 ޑިސެމްބަރ 2023 - 11:23

އައްޑުއާ ދިމާލުން ރާއްޖޭގެ ސަރަހައްދަށް ހަތަރު ބިންހެލުމެއް އައިސްފައިވާ ކަމަށް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
ލަންކާގެ ނޫސްތަކަށް އެ އިދާރާ އިން ދިން މައުލޫމާތުތަކުގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދަށް އައިސްފައިވާ ބިންހެލުންތަކާ ގުޅިގެން ސުނާމީއެއްގެ ނުރައްކަލެއް ނެތެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާ ގޮތުގައި ފުރަތަމަ ބިން ހެލުން އައީ 4.8 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. ދެން ބިން ހެލުންތައް އައީ 5.0 އާއި 5.2 އަދި 5.8 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.
މި ބިންހެލުންތަކާ ގުޅޭ ގޮތުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް، މި ބިންހެލުން އައިސްފައިވާ ބާރުމިނަކީ މާބޮޑު ގެއްލުންތަކެއް ލިބޭނެ ވަރުގެ ބާރުމިނެއް ނޫން ކަމަށް ތަޖުރިބާކާރުން ބުންޏެވެ. ސުނާމީއެއްގެ ބިރު އޮންނާނީ ވެސް ބިން ހެލުމަކީ 8.0 މެގްނިޓިއުޑަށް ވުރެ ބާރުމިނުގައި އަންނަ ބިންހެލުންތަކާ ގުޅިގެން ކަަމަށް ބުންޏެވެ.
މީގެ 19 ވަނަ އަހަރު ކުރިން ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައި ވެ އެވެ.