31 ޑިސެމްބަރ 2023 - 10:58

ނިމިގެން މިދާ 2023 އަކީ، ކުޅިވަރުގައި ޖުމްލަކޮށް ކާމިޔާބު އަހަރެކެވެ. އެކަމަކު އަހަރުގެ އެންމެ ބޮޑު ސުރުހީ އަކީ، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ފުޓްބޯޅައިގެ ތެރޭގައި ހިނގި ބޮޑެތި ކަންތައްތައްގަނޑާއި، "އަންޓަޗަބަލް" ބޭފުޅެއްގެ ގޮތުގައި ހުންނެވި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނިމުން އައި ގޮތެވެ.

ހިނގާފައި ހުރި ކަންކަމަށް ބަލާއިރު، 2023 އަކީ ފުޓްބޯޅަ އަށް އެންމެ ބަދު ނަސީބު އަހަރެވެ. އެފްއޭއެމް ފުނޑިގެން ދިއުމުގެ އިތުރަށް، ސަރަހައްދީ ލެވަލްގައި ވެސް ފުޓްބޯޅަ އަޑިއަށް ގަނބައިގެން ދިޔައީ ލަދުވެތި ނަތީޖާތަކާ އެކު އެވެ.

އެންމެ ފުރަތަމަ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ބޮޑު ބްރޭކަކަށް ފަހު އެވެ. ސީރިއަސް ފުޓްބޯޅަ ކުޅޭ އެއްވެސް ގައުމެއްގައި ދެ ސީޒަންގެ ދެމެދުން އެވަރުގެ ބޮޑު ބްރޭކެއް ނާންނާނެ އެވެ. އޭރު ވެސް ތަޖުރިބާކާރުން ބުނަމުން ދިޔައީ އެވަރުގެ ބޮޑު "ސީޒަން ބްރޭކެއް" އައިސްގެން، މުޅި ފުޓްބޯޅަ އަށް އޭގެ ނޭދެވޭ އަސަރު ނުކޮށް ނުދާނެ ކަމަށެވެ.

ނަތީޖާ ކުރިމަތިވީ އެގޮތަށެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި އަބަދު ވެސް ފޭވަރިޓުންގެ ތެރޭގައި ހިމެނުނު ރާއްޖޭގެ މަގާމު ވެސް އަޑިއަޅާލީ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ކިރިކިރިޔާ މޮޅެއް ހޯދުން ފިޔަވައި ޕޮޒިޓިވް އިތުރު އެއްވެސް ވާހަކައެއް، ގައުމީ ޓީމާ ގުޅޭގޮތުން، މިދިޔަ އަހަރު ނެތެވެ. ސާފް ޗެމްޕިއަންޝިޕްގައި، 20 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ރާއްޖެ ފުރަތަމަ ފަހަރަށް ބަލިވެ، މަރުގެ ތުންފަތް މައްޗަށް ވެއްޓި، އެ މުބާރާތުގެ ތާރީހުގައި ރާއްޖެ ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުގެ ލަދުވެތި ނަތީޖާ އާ ކުރިމަތިލާން ޖެހުނީ ވެސް، މި އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތުގަ އެވެ.

ގައުމީ ޓީމުގެ އޭރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ސާފް ޗެމްޕިއަންޝިޕްގެ މީޑީއާގެ ކުރިމަތީގައި އުޅުނު ގޮތުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައި ރާއްޖޭން ފޮނުވާލި އެވެ. އަލުން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި އަލީ ސުޒޭނަށް ވެސް، ޖެހުނީ މޮރިއޭރޯ އަށް ދިމާވި ހާލެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖަށް ދިއުމަށް ކުޅުނު، ޕްލޭއޮފް މެޗުގައި ބަންގްލަދޭޝް އަތްދަށުވެ ރާއްޖެ އަކަށް ކުރިއަށް ނުދެވުނެވެ. އަހަރުތަކެއް ފަހުން ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ގެއްލުނީ އެވެ. އޭއެފްސީ ކަޕަށް ހާއްސަކޮށް، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމަނައިގެން ސްކޮޑް އެކުލަވާލި މާޒިޔާ އަށް ވެސް ޖެހުނީ ގުރޫޕްގެ ފުލުގައި އޮވެގެން ނިންމާލާށެވެ.

ޖޫން-ޖުލައިގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ކުރިމަތިވި ލަދުވެތި ނާކާމިޔާބާ އެކު، އޭރުގެ ކޯޗު މޮރިއޭރޯ އާ އެކު ބައްސާމް ވެސް އިސްތިއުފާ ދިނުމަށް ގޮވާލައި "ބައްސާމް އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ހަމަ އެ ދަނޑިވަޅު، "ސޭވް އެފްއޭއެމް"ގެ ނަމުގައި، ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމު ކުރުމަށް ކަމަށް ބުނެ، ހަރަކާތެއް ލޯންޗު ކުރި އެވެ. އަދި ޝީ ބިލްޑިންގެ އަސަރީ މާލަމުގައި ބޭއްވި ހަފުލާއެއްގައި ފުޓްބޯޅައިގައި އެކި ގޮތްގޮތުން ޝާމިލުވާ މީހުން ބައިވެރިވެ، އެފްއޭއެމްއާ ދެކޮޅަށް ޝުއޫރު ފާޅު ކުރި އެވެ. ސޯޝަލް މީޑިއާގެ ކެމްޕޭނާއި އެކި ފަރާތްތަކުގެ ފާޑުކިޔުންތަކުން، އެފްއޭއެމް އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ.
ބައްސާމަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އަދި އެންމެ ބޮޑު ތުހުމަތަކީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި އޭނާ ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތެވެ. އެކަމަކު އޭނާ ދިޔައީ އޭރު ވެސް އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ. އެންމެ ފަހުން، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމު އަންގައިވައިގެން، ފުލުހުން ފެށި ތަހުގީގުގައި، އެފްއޭއެމްގެ އޮފީސް ރެއިޑް ކުރި އެވެ، އެހާ ހިސާބުން ބައްސާމްގެ ދިފާއީ ވާހަކަތަކުގެ ބާރު މުޅިން ކެނޑިގެން ދިޔަ އެވެ. އެފްއޭއެމްގެ ފައިސާ، އޭނާގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާ ކަމުގެ ތުހުމަތުގައި ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖޭން ބޭރަށް ފުރުން ވެސް މަނާ ކުރި އެވެ.
އެފްއޭއެމްގެ ރައީސް ކަމުގައި އަށް އަހަރު ހޭދަ ކުރި، ބައްސާމް މީގެ ކުރިން ފާހަގަ ކުރެވިފައި ވަނީ، "އަންޓަޗަބަލް" ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ އާ ދެކޮޅަށް މަސައްކަތް ފެށި ގިނަ މީހުން އަމާން ދީފައި ފަހުން ފެނުނީ އޭނާ އާ އެކުގައި ހުންނެވި ތަނެވެ. ކުރީގެ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހޫލޫފް، މިދިޔަ ސަރުކާރުގެ ކުރީކޮޅު ބައްސާމްގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ކްލަބްތައް ލައްވައި ސޮއި ކުރުވުމަށް ފަހު، އެކަން ނާކާމިޔާބު ވުމުން ދެން ފެނުނީ ބައްސާމާ އެކު ހުންނެވި ތަނެވެ. ހަމަ އެއް ވެސް މީހަކަށް ބައްސާމް ގުޑުވާލެވޭ ގޮތެއް ނުވި އެވެ.
ނަމަވެސް، ފައިސާ އަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގެ ބާނިތަކުން ބައްސާމާ ކަރުތާ ފެނަށް ގެނބެން ފެށުމުން، ކުއްލިއަކަށް އިންތިހާބެއް އިއުލާންކުރި އެވެ. އަދި އިންތިހާބުގައި ތިންވަނަ ދައުރަކަށް، ވާދަ ނުކުރައްވާނެ ކަމަށް އިއުލާންކޮށް އޭނާ ފަރުދާގެ ފުރަގަހަށް ޖެހި ވަޑައިގަތެވެ.
އެކަމަކު، ބޮއްސުންލާފައިވާ އެފްއޭއެމްގައި ރަނގަޅު އެއްވެސް ކަމެއް ނެތެވެ. އިންތިހާބު އަވަސް ކުރަން ނިންމީ، އެކްސްކޯއިން ފާސްކޮށްގެން ކަމަށް ބުނި ނަމަވެސް، އެކްސްކޯ ސައްހަކަން ގެއްލިފައިވާ ކަމާ މެދު ސުވާލު އުފައްދައި، އިންތިހާބުގެ މަސައްކަތް ހުއްޓާލަން، އާ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ އަންގައިފަ އެވެ. މި ފެށޭ އާ އަހަރުގެ ފުރަތަމަ މަހުގެ 31 ގައި ބާއްވާ އިންތިހާބު، ކުރިއަށް ގެންދެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. ފުޓްބޯޅަ އަށް ވެސް އިތުރު ގުޑުންތަކެއް އައިސްފަ އެވެ.
އެފްއޭއެމް އާއި ފުޓުބޯޅަ ފުނޑުނަސް، އިންޑިވިޖުއަލް ކުޅިވަރުތަކުގައި ނިމިގެން މިދާ އަހަރަކީ ވެސް ކާމިޔާބު އަހަރެކެވެ. ހާއްސަކޮށް، އިންޑިއާ އޯޝަން އައިލެންޑް ގޭމްސްގައި، ޓީޓީ އާއި ބެޑްމިންޓަނުން ހޯދި ކާމިޔާބު ގުނަނީ ރަނުންނެވެ. ޓީޓީގެ ތަރި އާއިޝަތު ރަފާ ނާޒިމު ވަނީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ތިން ރަން މެޑަލް އާއި އެއް ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމު އިވެންޓުން ރަން މެޑަލް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސްގައި ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހްމަދާ އެކު ހިއްސާވެ ތިން ރަން މެޑަލް، ރަފާ ހޯދި އެވެ. އަދި އެ ގޭމްސްގެ ސިންގަލްސްގައި ރަފާ ބަލިކޮށް ދީމާ ވެސް ވަނީ ތިން ރަން މެޑަލް ކަރުގައި އަޅުވާލައިފަ އެވެ.
ބެޑްމިންޓަން އަންހެން ޑަބަލްސްގައި، ރާއްޖޭގެ އެއްމާބަނޑު ދެބެން ކަމަށްވާ، ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގެ ޕެއާއިން ވަނީ އެ ގޭމްސްގެ ގޭމްސްގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މަޑަގަސްކަރާގައި ބޭއްވި ގޭމްސްގައި ރާއްޖޭން ޖުމުލަ 28 މެޑަލް ހޯދި އެވެ.
އައިއޯއައިޖީގައި ރާއްޖޭން ހޯދި ކާމިޔާބުތަކުގެ ހުލާސާ
- ޓީޓީ: 4 ރަން މެޑަލް، 4 ރިހި މެޑަލް، 1 ލޯ މެޑަލް
- ބެޑްމިންޓަން: 1 ރަން މެޑަލް، 3 ރިހި މެޑަލް، 3 ލޯ މެޑަލް
- ޓައިކްވަންޑޯ: 2 ރިހި މެޑަލް، 3 ލޯ މެޑަލް
- އެތުލެޓިކްސް 3 ލޯ މެޑަލް
- ޕެރަ އެތުލެޓިކްސް: 2 ލޯ މެޑަލް
- ބާސްކެޓްބޯލް ތްރީ އޮން ތްރީ: 2 ލޯ މެޑަލް
މި އަހަރަކީ ވެސް ބޮޑީބިލްޑިންގައި ރަން އަހަރެކެވެ. ދެކުނު ކޮރެއާގައި ބޭއްވި ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރާތާއި ތައިލެންޑްގައި ބޭއްވި އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް އަދި ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ބޮޑީބިލްޑަރުން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަހަރުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑް ހޯދި، ބޮޑީ ބިލްޑަ އަޒުނީން ރަޝާދު ވަނީ، ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިން ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.
ގައުމީ ސްވިމިން ޓިމުން ވެސް އަހަރު ނިންމާލީ، ރަން އަދި ރިހި މެޑަލްތަކާ އެކު އެވެ. ލަންކާގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ މިރާލް އައިން ލަތީފު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި ރިލޭގައި ޖޫނިއާ ފިރިހެން އަދި ސީނިއާ ފިރިހެން ޓީމުން ރިހި މެޑަލް ހޯދައި، ކުރިން ގައުމީ ރެކޯޑްތަކުން ނިންމާ ފެތުންތެރިން ވެސް އަހަރު ނިންމާލީ ކާމިޔާބުތަކާ އެކު އެވެ.
ނޮވެމްބަރު 17 ގައި ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޯޓްސް އަށް ވަކިން މިނިސްޓްރީއެއް އުފެއްދުމަކީ ވެސް، އަހަރުގެ ކުޅިވަރުގެ ސުރުހީ އެކެވެ. އެ މިނިސްޓްރީގެ ވަޒީރަކަށް ލެއްވީ ކުރީގެ ސްޕޯޓްސް ފިޒީޝާން އަބްދުﷲ ރާފިއު އެވެ. އެތުލީޓުންގެ އަނިޔާތަކަށް ފަރުވާ ދެއްވާ، ރާފިއު އަށް، ފުނޑިފައި އޮތް ކުޅިވަރުގެ ނިޒާމަށް ދެއްވަން އޮތް ފަރުވާ މާ ބޮޑެވެ.