ޒައިދު އިތުރު 10 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފި
ޒައިދު އިތުރު 10 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން އިތުރު 10 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏަސް އެނގިފައިވާ ގޮތުގައި އޭނާއަށް ކުރަނީ ފަނޑިޔާރަކު ބްލެކް މެއިލް ކުރުމުގެ ތުހުމަތެވެ.

އެ މައްސަލާގައި ފުލުހުންގެ ބަންދުގައި 15 ދުވަސް ވަންދެން ޒައިދު ބެހެއްޓުމަށް ފަހު އޭނާ ގޭ ބަންދަށް ބަދަލުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެންމެ ފަހުން ގޭ ބަންދަށް ދިން މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން އަނެއްކާވެސް އޭނާ އިތުރު 10 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ދެއްކެވި ވާހަކައެއްގެ ވީޑިއޯއެއް އުޅޭ ކަމަށް ބައެއް މީހުން ކައިރީގައި އޭނާ ދެއްކި ވާހަކައަކާ ގުޅިގެންނެވެ.