މާފަންނުއާގޭގެ އިތުރު ބައެއް ދައުލަތަށް ނަގަނީ
މާފަންނުއާގޭގެ އިތުރު ބައެއް ދައުލަތަށް ނަގަނީ

ބަދަލު ދިނުމަށް ފަހު މ. މާފަންނުއާގެ އިން އިތުރު ބައެއް ދައުލަތަށް ނެގުމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އޯކިޑް މަގާއި ފަރީދީ މަގަށް ވާ ގޮތަށް އޮންނަ، މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އިން 2،678 އަކަފޫޓު ދައުލަތަށް ނަގަން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު 22،000 އަކަފޫޓުގެ އެ ބިމުން 12،000 އަކަފޫޓު މީގެ ކުރިން ވެސް އޮތީ ބަދަލު ދިނުމަށް ފަހު ދައުލަތަށް ނަގައިފަ އެވެ.

ފާތިމަތު ފަރީދުގެ ނަމުގައި އޮތް އެ ބިމުން އިތުރު ބައެއް ދައުލަތަށް ނަގަން ސަރުކާރުން ބޭނުންވަނީ އޯކިޑް މަގާއި ފަރީދީ މަގު ގުޅޭ އާބުރު ހިނގުން އިތުރަށް ފުޅާ ކުރަން ކަމަށް ވަނީ އެނގިފަ އެވެ. އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައި، އެ މައްސަލަ މިހާރު އޮތީ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ.

އެ ބިން ހޯދަން ފާތިމަތު ފަރީދުއާ ކޯޓުން ބޭރުގައި ސަރުކާރުން މަޝްވަރާ ކުރި ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އެ ކަމުގައި އެއްބަސްވުމަކަށް ނާދެވުމުން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ. އެކަމުގައި ހައުސިން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އާންމު މަންފާއަކަށްޓަކައި، މީހެއްގެ އަމިއްލަ މުދަލެއް ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މީހަކަށް ދިނުމަށް ފަހު ދައުލަތަށް ނެގިދާނެ އެވެ.

އެ ބިމުން ކުރިން ދައުލަތަށް ނެގި ބައި ނަގާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އެ ތަނުގައި މިހާރު އަމިއްލަ ބައެއްގެ އިމާރާތްތަކެއް ހަދާފައި ހުރުމުން އެ ތަންތަން ހުސްކުރަން ހައުސިން މިނިސްޓްރީން މިދިޔަ މަހު އޮތީ ނޯޓިސް ދީފަ އެވެ.

އެ ބިމުން ކުރިން ދައުލަތަށް ނެގި ބައި ހިމެނޭ ގޮތަށް އެ ބިން ރަހުނުކޮށް، އެމްވީކޭ ކުންފުނީގެ ފަރާތުން ބޭންކް އޮފް ސިލޯނުން ބޮޑު ލޯނެއް ނެގި މައްސަލަ ވެސް ކުރިން ފެންމަތިވި އެވެ. އެމްވީކޭއަކީ ފާތިމަތު ފަރީދުގެ ފިރިކަލުން އިބްރާހީމް ޝަފީގުގެ ކުންފުންޏެކެވެ. އެ ކުންފުނިން ނެގި ލޯނު ނުދެއްކިގެން އެ ބިން ވިއްކާލަން ސިލޯން ބޭންކުން 2014 ގައި އިއުލާންކޮށްފައި ވަނިކޮށް ސަރުކާރުން އެކަމާ ދެކޮޅަށް މަސައްކަތް ފެށުމުން ބިން ވިއްކުން ސިލޯން ބޭންކުން ހުއްޓައިލި އެވެ.

ދައުލަތުގެ ބިމެއް ރަހުނު ކޮށްގެން އަމިއްލަ ބަޔަކު ލޯނެއް ނަގާފައިވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޭރު ބެލި އެވެ.