28 ޑިސެމްބަރ 2023 - 10:52

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާ ނުލެވޭނެ ކަމަށާއި އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ވެސް ހޯދާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރު ހުރަސް އަޅާ ކަމަށް ބުނެ މިއަދު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން ސަލީމް ވަނީ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާއިރު ވަޒީރުންނަށް ރުހުން ނުދީ އޮތް މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން ކެބިނެޓަށް ރުހުން ނުދީ އޮތީ އަސްލަމް ވެސް ފަހަތުގައި ހުންނަވައިގެން ރާވާއިގެން ގަސްތުގަ އެވެ.
ދައުރު ނިމޭއިރު ވަޒީރުންނަށް ރުހުން ނުދިނުމަކީ އެމްޑީޕީގެ ހުދުމުހުތާރު އަމަލެއް ކަމަށާއި އެއީ ސަރުކާރު ވައްޓާލުމަށް އެ ޕާޓީން ކުރަމުން އަންނަ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
"[ވަޒީރުންނަށް] ރުހުން ވެސް ހޯދާނަން، ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަމަށް ފުރުސަތެއް ނުދެވޭނެ. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން، ސަލާމަތުން ތިއްބާ ނުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރަށް ދެމި އޮންނާނެ،" ސަލީމް ވިދާޅުވި އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މަސައްކަތް ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން ރިޔާސަތުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ސަލީމް ވިދާޅުވި އެވެ.
އެހެންވެ އަސްލަމް ވެސް ރިޔާސަތުން ފައިބަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އަދި ކުރިޔަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު މަޖިލީހުގެ ކޮންޓްރޯލް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.