29 ޑިސެމްބަރ 2023 - 10:22

މަޝްހޫރު ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑޭ އަންނަ އަހަރު އާ އަލްބަމެއް ނެރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
އަރިއާނާގެ އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ރެކޯޑިން ސްޓޫޑިއޯގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ޕޯސްޓުކޮށްފަ އެވެ. "ސީ ޔޫ ނެކްސްޓް އިޔާ" ކެޕްޝަންގެ ގޮތުގައި ޖަހައި، ކުރި މި ޕޯސްޓުގައި އަރިއާނާގެ ލަވަތައް އެހުމަށް ކެތް މަދުވެފައިވާ ކަމަށް ބުނެ ގިނަ ފޭނުންތަކެއް ވަނީ ކޮމެންޓުކޮށްފަ އެވެ.
މި އަލްބަމް އާ ގުޅޭ ގޮތުން މިހަތަނަށް އަރިއާނާ ބުނެފައި ވަނީ އަލްބަމްގައި ދެ މޫޑެއްގެ ލަވަތައް ހިމެނޭ ކަމަށެވެ. މި އަހަރު އަރިއާނާ އޭނާގެ ފިރިމީހާ ޑަލްޓަން ގޯމޭޒް އާ ވަރިވެ، ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ރިލޭޝަންޝިޕެއްގައި މިހާރު އީތަން ސްލޭޓާ އާ އެކު އުޅޭއިރު، އެ ކަންތައްތަކާ ގުޅޭ ލަވަތަކެއް އަލްބަމްއިން އިވިގެން ހިނގައިދާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.
އަރިއާނާ ވަނީ ހަ ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ. އަރިއާނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2020 ވަނަ އަހަރު އެވެ. އެއީ "ޕޮޒިޝަންސް" އެވެ.
އަރިއާނާ ދަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ވިކެޑް" ފިލްމުގައި ވެސް މަސައްކަތްކުރަމުންނެވެ.