ގޯވިންދާގެ ރުޅިގަނޑު ކަރަން ޖޯހަރަށް ވެސް އަމާޒުވެއްޖެ
ގޯވިންދާގެ ރުޅިގަނޑު ކަރަން ޖޯހަރަށް ވެސް އަމާޒުވެއްޖެ

ގޯވިންދާ ލައްވާ 17 ފިލްމެއް ކުޅުވި ޑައިރެކްޓަރު ޑޭވިޑް ދަވަން އަށް ގޯވިންދާ ބަހުގެ ހަމަލާތަކެއް ދިނުމަށް ފަހު، ޕްރޮޑިއުސަރު ޑައިރެކްޓަރު ކަރަން ޖޯހަރަށް ވެސް ރުޅިގަނޑު ބާލައިފި އެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަރަން އަށް ހަމަލާތަކެއް ފޮނުވާލުމަށް ފަހު އަނެއްކާވެސް ފާޑު ކިޔާފައި ވަނީ ގޯވިންދާގެ ޕްރޮޑިއުސްކޮށް އެކްޓްކޮށްފައިވާ "އާ ގަޔާ ހީރޯ" ރިލީޒްކުރާތާ ހަފުތާއެއް ފަހުން ކަރަން ޕްރޮޑިއުސްކުރާ ފިލްމެއް ރިލީޒްކުރަން ހަމަޖެއްސުމުންނެވެ.

މީގެ ކުރިން ކަރަން އަށް ގޯވިންދާ ފާޑު ކިޔާފައި ވަނީ ކަރަންގެ ޓީވީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އަށް ދައުވަތު ނުދޭތީ އެވެ.

މިފަހަރު ފިލްމުގެ މައްސަލަ ޖެއްސީ ކަރަން ޕްރޮޑިއުސް ކޮށް، ޝަޝާންކް ޚައިތާން ޑައިރެކްޓްކޮށްފައިވާ ރޮމެންޓިކް ކޮމެޑީ "ބަދްރީނާތު ކީ ދުލްހަނިޔާ" ރިލީޒްކުރަނީ ގޯވިންދާގެ ފިލްމަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން އިންޑިއަން އެކްސްޕްރެސްއަށް ގޯވިންދާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ކަރަން އަކީ ވަކި ބަޔަކަށް ރަނގަޅަށް ކަންތައް ކޮށްދޭ، އެއްފަރާތަށް ޖެހިފައިވާ މީހެއް ކަމަށެވެ. ކަރަން ބާއްވާ އެއްވެސް ޕާޓީއަކަށް ވެސް އަދި އޭނާގެ "ކޮފީ ވިތު ކަރަން" ޓޯކް ޝޯ އަށް ވެސް ދުވަހަކުވެސް ދައުވަތު ނުދޭ ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.

ގޯވިންދާ ބުނީ ކޭމްޕް ޕޮލިޓިކްސް މިހާރު ބޮލީވުޑްގައި ވަރަށް މައްޗަށް އެބައޮތް ކަމަށާއި ކަރަން އަކީ އޭގެ ބައެއް ކަމަށެވެ. ކަރަން އާއި އެނޫން ވެސް ބައެއް މީހުން ގުޅިގެން ގަސްތުގައި އިންޑަސްޓްރީން ގޯވިންދާ ބޭރުކޮށްލާފައިވާ ކަމަށާއި ސަބަބަކީ އޭނާއަކީ އެމީހުންނާ އެއްވަރަށް ކިޔަވާފައި ނެތް ފެންވަރުދަށް މީހެއް ކަމަށް ކަރަން އާއި ބައެއް މީހުން ގަބޫލުކުރާތީ ކަމަށް ވެސް ގޯވިންދާ ބުންޏެވެ.

ގޯވިންދާގެ މި އިންޓަވިއުއަށް ފަހު ޓައިމްސް އޮފް އިންޑިއާ އަށް ކަރަން ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ ޝޯއަށް ގޯވިންދާ އަށް ދައުވަތު ދެވިފައި ނުވާތީ މައާފަށް އެދިފައިވެ އެވެ. އަދި އޭނާގެ ޓީމުން ގޯވިންދާ ބައިވެރިކޮށްގެން އެޕިސޯޑެއް ޝޫޓްކުރަން މަސައްކަތްކުރި ނަމަވެސް ދިމާވި ސަބަބުތަކަކާ ހުރެ އެކަން ވާގޮތް ނުވީކަމަށް ކަރަން ބުންޏެވެ. އަދި ގޯވިންދާ ކަހަލަ ޝައުގުވެރި ޝަޚްސިއްޔަތަކާ އެކު ޝޯގެ އެޕިސޯޑެއް ޝޫޓްކުރުމަށް އުންމީދުކުރާ ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.

ނަމަވެސް ގޯވިންދާގެ އާ ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި އޭނާ ބުނީ ކަރަން އަކީ "ނުރައްކާތެރި" އަދި "ހަސީލަތް ނުބައި" މީހެއް ކަމަށެވެ. އަދި ވަރަށް ރަނގަޅުމީހަކަށް ހެދިގެން އެގޮތް މީހުންނަށް ދައްކައިގެން ކަރަން އުޅުނު ނަމަވެސް އެއީ ނުބައި މީހެއް ކަމަށް ގޯވިންދާ ބުންޏެވެ.

ގޯވިންދާގެ "އާ ގަޔާ ހީރޯ" ރިލީޒްކުރާތާ އެންމެ ހަފުތާއެއް ތެރޭ ކަރަން ޕްރޮޑިއުސްކުރާ "ބަދްރީނާތު ކީ ދުލްހަނިޔާ" ރިލީޒްކުރަން ހަމަޖެއްސީ އޭނާގެ ފިލްމަށް ވިޔަފާރިވި ކާމިޔާބުވިޔަ ނުދޭން ކަމަށް ވެސް ގޯވިންދާ ތުހުމަތުކޮށްފައިވެ އެވެ.