މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ކޮމިޓީއަށް ފޮނުވައިފި
މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ކޮމިޓީއަށް ފޮނުވައިފި

މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާ ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެމަނިކުފާނު އުފައްދަވާފައިވާ 22 މިނިސްޓްރީއެއްގެ މެންޑޭޓް ފާސް ކުރަން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވަން ނިންމައިފަ އެވެ.

މެންޑޭޓުގެ މައްސަލަ މިއަދު ކޮމިޓީ އަށް ފޮނުވި އިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިހާތަނަށް 22 ވަޒީރުންނަށް ރުހުން ނުދީ މަޑުޖައްސާލާފައި އޮތް އެއް ސަބަބަކީ އެ ވަޒީރުން މަސައްކަތް ކުރާ މިނިސްޓްރީތަކުގެ މެންޑޭޓު ކަނޑަނާޅާ އޮތުމެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް ފަހު ތަޅުމަށް ފޮނުވުމުން ވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ މެންޑޭޓު ކަނޑަޅާފައި ނެތުމުން ވަޒީރުންނަށް އެ މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ކަން ވަޒަން ނުކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ އިރު ވެސް އެ މަސައްކަތް އޮތީ ނުނިމި އެވެ.

އަސްލަމް ވިދާާޅުވި ގޮތުގައި ކޮމިޓީ ނިމުމުން ދައުރުން ބޭރުން ވެސް ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ނިންމިދާނެ އެވެ.

ވަޒީރުންނަށް ރުހުން ނުދީ، ދެ މަސްވެފައިވާއިރު އެއީ ސަރުކާރަށް ދަތިކުރަން އެމްޑީޕީން ގަސްތުގައި ކުރާ ކަމެއް ކަމުގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.