28 ޑިސެމްބަރ 2023 - 09:10

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިތީ އޮތް އެމްޑީޕީން ހުށަހަޅައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބެއް ކަމުގައި ވިދާޅުވީ، އެއީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށެވެ.
ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކޮށްފައިވާ ކަމަށާއި އެ ބޭފުޅުންނަށް ލިޔުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ހައްގު ކޮންމެ މެންބަރަކަށް ލިބިދީފައިވާ ކަމަށް އެ ބިލުގައި ވެ އެވެ.
"ނަމަވެސް [ވަޒީރުންނާ ސުވާލު ކުރުމުގެ] ގާނޫނުގައި އޮންނަނީ [ގާނޫނުއަސާސީގެ] އެ މާއްދާ އިން ލިބިދީފައިވާ ހައްގު ހަނިވާ ގޮތަށް،" ސަލީމްގެ ބިލުގައި ބުނެފައި ވެ އެވެ.
ގާނޫނުއަސާސީ ވުޖޫދަށް ގެނައުމަށް ފަހު ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ ކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ.
އެހެންވެ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ބޭނުން ނުހިފޭ ކަމަށް އެ ބިލްގައި ވެ އެވެ.
އެމްޑީޕީން މި ފަހުން ވަނީ ވަޒީރުންނާ ސުވާލު ކުރުމާ ގުޅޭ މާއްދާތައް މަޖިލީހުގެ ގަވައިދުން އިސްލާހު ކޮށްފަ އެވެ. އެ ގަވައިދުގައި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތުން އުވާލުމާއި ވަޒީރުންނަށް ޖަވާބު ދާރީވާން ލިބޭ މުއްދަތު ވެސް ވަނީ ކުރު ކުރަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.