އިޒްރޭލުގެ ކިބައިން ބަދަލު ހިފާނަން: އީރާން
އިޒްރޭލުގެ ކިބައިން ބަދަލު ހިފާނަން: އީރާން

ސީރިއާގައި އިޒްރޭލުން އީރާންގެ އަސްކަރީ ވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި، އިސް ކޮމާންޑަރެއް ކަމަށްވާ ރާޒީ މޫސަވީ ހޯމަ ދުވަހު އަވަހާރަކޮށްލާފައި ވާތީ އެކަމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު އީރާނުން އިއްޔެ ދީފި އެވެ.

މޫސަވީ އަވަހާރަކޮށްލީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ދިން މިސައިލް ހަމަލާއެއްގައި ކަމަށް ސީރިއާ ސަރުކާރުގެ މީޑިއާއިން ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް ސީރިއާގައި އެތައް ސަތޭކަ ހަމަލާއެއް ދީފައިވާ އިޒްރޭލުން މިފަހަރު ހަމަލާ ދީފައި މި ވަނީ ހަމާސްގެ ހަމަލާތަކާ އެކު އިޒްރޭލުން މިފަދަ ދޭން ފެށި އަނިޔާވެރިކަން ބޮޑު ހަމަލާތަކާ އެކު ސަރަހައްދުގެ މަސްރަހު ހޫނުވެފައި ވަނިކޮށެވެ.

އީރާންގެ އިންޒާރާ ގުޅިގެން އިޒްރޭލުން ބުނީ ބޭރުގެ މީޑިއާ ރިޕޯޓްތަކަށް ރައްދު ދިނުމަކީ އިޒްރޭލުން ކުރާ ކަމެއް ނޫން ކަމަށެވެ.

ސީރިއާގައި އަވަހާރަކޮށްލި ކޮމާންޑަރުގެ ހަށިގަނޑު އިރާގަށް ގެންގޮސް ޝިއައީންގެ މަގުބަރާއެއްގައި މިއަދު ޖަނާޒާ ބާއްވާނެ އެވެ.

އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ރަމްޒާން ޝަރީފް ވިދާޅުވީ މޫސަވީގެ މަރުގެ ބަދަލު ހިފާނީ އީރާނާ ގުޅުން އޮންނަ ޖަމާއަތްތަކުގެ ވެސް އެހީއާ އެކުގައި ކަމަށާއި އެ ރައްދު ދޭނީ ސީދާ ގޮތުންނާއި ނުސީދާ ގޮތްގޮތުން ކަމަށެވެ. އަދި މޫސަވީ އަވަހާރަކޮށްލުމަކީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލި ހަމަލާ ހުއްޓުވުމުގައި އިޒްރޭލު ފެއިލްވުމުން އެކަން ފޮރުވަން ކުރި ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޝަރީފް އިއްޔެ ވަނީ ހަމާސްގެ ހަމަލާ އަކީ މީގެ ކުރިން 2020 ވަނަ އަހަރު އިރާގުގައި އަވަހާރަކޮށްލި އީރާންގެ އިސް ޖެނެރަލެއްގެ މަރުގެ ބަދަލު ހިފުމެއްގެ ގޮތުގައި ވެސް ސިފަކުރައްވައިފަ އެވެ. -- އޭއެފްޕީ