28 ޑިސެމްބަރ 2023 - 06:01

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ޖަރުމަންގެ އެޑޮލްފް ހިޓްލަރާ ތަފާތެއް ނެތް ކަމަށް ވިދާޅުވެ، ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތަކުގެ މައްސަލައިގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަނެއްކާވެސް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
"ނަތަންޔާހޫ އާއި ހިޓްލަރުގެ އަމަލުތަކުގައި އެއްވެސް ތަފާތެއް ނެތް،" ވެރިރަށް އަންކާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އުރުދުޣާން އިއްޔެ ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ހިޓްލަރަށް ވުރެ ނަތަންޔާހޫ މާ މުއްސަނދި ކަމަށާއި އޭނާގެ ހިންގާ ލާއިންސާނީ ހުރިހާ އަމަލުތަކަކަށް ހުޅަނގުގެ ގައުމުތަކުންނާއި އެމެރިކާއިން އެހީތެރިކަން ލިބޭ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރައްވައި މީގެ ކުރިން ވެސް އުރުދުޣާން ވަނީ ބަހުގެ ވަރުގަދަ ހަމަލާތަކާއި އިންޒާރުތައް އިޒްރޭލަށް ދެއްވައިފަ އެވެ. ހަމާސް އަކީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށާއި އިޒްރޭލަކީ ގާތިލެއް އަދި ޓެރަރިސްޓް ދައުލަތެއް ކަމަށް ވެސް އުރުދުޣާން ކުރިން ވިދާޅުވެފައިވެ އެވެ.
އުރުދުޣާން ދެއްކެވި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫގެ ރައްދުގައި ސިފަކުރީ އުރުދުޣާން އަކީ ކުރުދީންގެ ނަސްލު ނައްތާލަން އުޅޭ ވެރިއެއްގެ ގޮތުގަ އެވެ. ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ ނޫސްވެރިޔަކު ޖަލަށް ލައި އެކަމުގައި ރެކޯޑް ހަދާފައިވަނީ އުރުދުޣާން ކަމަށާއި އެހެންވެ ކަންކަން ކުރަންވީ ގޮތް ކިޔައިދެވޭނެ އެންމެ ފަހު މީހަކަށް ނޫނީ އުރުދުޣާން ނުވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ސިފަކޮށް ނަތަންޔާހޫ ވަނީ އެ ޖަމާއަތުގެ ލީޑަރުންނަށް ތުރުކީން ހިމާޔަތް ދެމުން އަންނަ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ. އަދި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ދިފާއުކޮށް އެތައް ވާހަކައެއް ދެއްކެވި އެވެ.
އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 21،110 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ