27 ޑިސެމްބަރ 2023 - 22:23

އައްޑުއަށް މިއަދު ބޯކޮށް ވާރޭވެހި، 100 އެއްހާ ގެޔަށް ފެން ވަދެ، އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އައްޑޫގެ ފަސް ރަށަކުން 97 ގެއެއްގައި ފެން ބޮޑުވިޔަސް، އެއްވެސް ތަނަކުން މީހުން ހުސްކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަށް ގޮސްފައިނުވާ ކަމަށެވެ.

ފެންބޮޑުވި ކަމަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފޭދޫއިންނެވެ. އެ ރަށުގެ 60 ގެއެއް އަދި މަރަދޫގެ 13 ގެއަކާއި ހުޅުދޫގެ 10 އަދި ހިތަދޫގެ 9 ގެއެއްގައި ފެންބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތް ކުރި އެވެ.
އޭގެ އިތުރުން މަރަދޫފޭދޫގެ ފަސް ގެއެއްގައި ފެންބޮޑުވެ، އެ ތަނުން އެއް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"މި ހާދިސާގައި ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ފެން ހިނދި އާއްމު ހާލަތަކަށް ރުޖޫއަވުމުން." އެންޑީއެމްއޭއިން ބުންޏެވެ.
ފުވައްމުލަކާއި އައްޑުއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް އޮރެންޖު އެލާޓް ވެސް މެޓުން މިއަދު ނެރުނެވެ. އެކަމަކު، އެ އޮފީހުން ބުނީ މަގުތަކުގައި ފެންބޮޑުވިޔަސް ގޭގެއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.