13 ފެބުރުއަރީ 2017 - 06:09

ވަރުން ދަވަން އާއި އާލިއާ ބަޓްގެ "ބަދްރީނާތު ކީ ދުލްހަނިޔާ"ގެ "ތައްމާ ތައްމާ އެގެއިން" ލަވައަށް އެ ދެ އެކްޓަރުންނަށް ނަށަން ދަސްކޮށްދިނީ މަޝްހޫރު ބަތަލާ އަދި ބޮލީވުޑްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ނެށުންތެރިޔާ މާދުރީ ޑިކްޝިޓް އެވެ.
"ތައްމާ ތައްމާ އެގެއިން" އަކީ 1990 ވަނަ އަހަރު މާދުރީ ޑިކްޝިޓާއި ސަންޖޭ ދަތު ކުޅުނު "ތާނޭދާރް" ކިޔާ ފިލްމެއްގައި ހިމެނޭ "ތައްމާ ތައްމާ"ގެ އާ ވާޝަން އެކެވެ. އެ ލަވައިގައި ވެސް ވަރަށް މޮޅު ޑާންސް ސްޓެޕްތަކެއް ހިމަނާފައި ވާއިރު މިފަހަރުގެ ލަވައިގައި ވެސް ހަމަ އެގޮތަށް ނަށަން ވަރުން އާއި އާލިއާ އަށް ވަނީ ޖެހިފަ އެވެ. އެހެންވެ އެ ލަވަ ޝޫޓްކުރުމުގެ ކުރިން މާދުރީ އެ ދެ އެކްޓަރުންނަށް ލަވައިގެ ސްޓެޕްތައް ދަސްކޮށްދިނެވެ.
"ތައްމާ ތައްމާ އެގެއިން"ގެ ކުރީގެ ލަވަ ކޯރިއޯގްރާފް ކޮށްދިނީ ސަރޯޖް ޚާނެވެ. އެކަމަކު އާ ވާޝަން ހެދި އިރު އޭނާގެ އެހީތެރިކަން ހޯދާފައި ނުވާތީ ހުރީ ހިތްހަމަނުޖެހިފަ އެވެ.
މި ލަވަ ޕްރޮމޯޓްކުރުމުގައި ވެސް ވަރުން އާއި އާލިއާއާ އެކު މާދުރީ ވަނީ ބައިވެރިވެފަ އެވެ.
ވަރުން ކޮށްފައިވާ ޓުވީޓެއްގައި، މާދުރީއާ އެކު އޭނާ އާއި އާލިއާ ނަށަން ދަސްކުރާ ވީޑިއޯއެއް ވެސް ހިމަނާފައިވެ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި މާދުރީ ބުނާ ގޮތަށް ވަރުން ވަރަށް ފަސޭހައިން ނަށާއިރު އާލިއާ އަށް ދަސްކުރެވެނީ ވަރަށް މަސައްކަތުންނެވެ.
މި ލަވަ ރިލީޒްކޮށްފައި ވާއިރު ގިނަ ބަޔަކަށް އެ ލަވަ ކަމުދާ ކަމަށް ބުނެފައިވެ އެވެ.
އަންނަ މާޗް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައވާ "ބަދްރީނާތު ކީ ދުލްހަނިޔާ" އަކީ ވަރުން އާއި އާލިއާ ތަންކޮޅެއް ކުރިން ކުޅުނު "ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެ ދެވަނަ ބައެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޝަޝާންކް ޚައިތާން އެވެ.