އެމްއައިބީގެ ސޭލްސް ސެންޓަރެއް ދެ ރަށެއްގައި ހުޅުވައިފި
އެމްއައިބީގެ ސޭލްސް ސެންޓަރެއް ދެ ރަށެއްގައި ހުޅުވައިފި

އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދ. ކުޑަހުވާދޫ އާއި އދ. މަހިބަދޫގައި ސޭލްސް ސެންޓަރެއް ހުޅުވައިފި އެވެ.

އެމްއައިބީން ބުނީ އެ ބެންކުގެ ގިނަ ހިދުމަތްތަކަކީ އޮންލައިންކޮށް ލިބެން ހުރި ހިދުމަތްތަކެއް ނަމަވެސް އެ ހިދުމަތްތައް ހޯދުމުގައި އެހީއެއް ބޭނުން ވެއްޖެ ނަމަ އެ އެހީ މި ދެ ސެންޓަރުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ދެ ސެންޓަރުން ބޭންކާއި ކަސްޓަމަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދީ، ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދުމުގައި އިތުރަށް ފަސޭހަވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

މި ދެ ސެންޓަރުން ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ އެވެ.

އެމްއައިބީން ދާދި ފަހުން ވަނީ ބ. އޭދަފުށީގައި ވެސް ސޭލްސް ސެންޓަރެއް ހުޅުވާފަ އެވެ. އެ ބޭންކުން ދަނީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު ރަށްރަށުގައި އެ ބެންކުން އޭޓީއެމް ވެސް ވަނީ ބަހައްޓާފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެކައުންޓު ހުޅުވުމާއި "އުޖާލާ ދިރިއުޅުން" ފެސިލިޓީގެ ހިދުމަތް ފަދަ މުހިންމު ހިދުމަތްތައް ވަނީ އޮންލަން ކޮށްފަ އެވެ.