އެއް ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި މީހަކު "ބަލިވެގެން" ދޫކޮށްލައިފި
އެއް ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި މީހަކު "ބަލިވެގެން" ދޫކޮށްލައިފި

އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޓެކްސީ ޑްރައިވަރެއްގެ ސިއްހީ ހާލަތަށާއި އޭނާ މުޖުތަމައުގައި އަދާކުރާ ދައުރަށް ބަަލައި މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މި އަހަރުގެ އޮގަސްޓް މަހު ހިންގި އޮޕަރޭޝަނެއްގައި މުހައްމަދު މިގްދާދް، 45، ހައްޔަރުކުރީ އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރުމަށް ފަހު، އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރާނެ އާލަތްތަކާއި ފައިސާއާ އެކުގަ އެވެ.

މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކް ކުރުމާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މިއީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ، ޖިނާއީ ބޮޑު ކުށެއްގެ ދައުވާ އެވެ.

ދެ ދައުވާއާ ގުޅިގެން އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް، މިއަދު އޭނާ ބަންދުން ދޫކޮށްލަން ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި މައިގަނޑު ސަބަބަކީ ސިއްހީ ހާލަތާ ގުޅޭ ގޮތުން ޝަރީއަތުގައި ކުއްލި ގޮތަކަށް ފާހަގަކުރި ބޮޑު އޮޕަރޭޝަނެއްގެ ވާހަކަ އެވެ.

ބަންދުން ދޫކޮށްލަން ނެރުނު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ތަހުގީގު މަރުހަލާގައި ހުރިއިރު ބޭސްފަރުވާގެ ޝަކުވާތަކެއް ލިބިފައިވެ އެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް ކަރެކްޝަންގެ ބެލުމުގެ ދަށަށް ބަދަލުކުރި ފަހުން މިއަދާ ހަމައަށް ބަލި ހާލަތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މީހާ ބުނެފައިވަނީ އޭނާގެ ވައަތު ފައިގެ ފުންނާބުގައި ބިނައިން ލަމްޕްތަކެއް ހުރުމުގެ ސަބަބުން ނާރުތަކަށް ލޭ ދައުރުވުން ދަތިވެ ވެރިކޯޒް ވެއިން ރިމޫވްކުރަން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި މިކަން އަވަހަށް ނުކޮށްފި ނަމަ، އޭނާގެ ފައިގެ ބޭނުން ނުކުރެވި ނުކުޅެދޭ ހާލަތަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ގާޒީ ފާއިޒް ނެރުއްވި އަމުރުގައިބާ ގޮތުން މި މައްސަލައާ ގުޅިގެން ތައްްޔާރުކުރި ޑީއެންއޭ ރިޕޯޓާއި އެހެން ހެކިތައް ހުށަހަޅާފައި ވާއިރު، ތުހުމަތުކުރެވޭ މީހާ އާއި ފެނުނު މަސްތުވާތަކެތި ގުޅުވައިދޭ ހަރުދަނާ ހެއްކެއް ނެތް ކަމަށެވެ. އަދި، އޭނާގެ ކުށުގެ ރެކޯޑެއް ނެތްއިރު އާމްދަނީއަށް ޓެކްސީ ދުއްވާ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އޭނާ މިއަދު ކޯޓުގައި އެދުނީ ޝަރުތަކެއްގެ މައްޗަށް ނަމަވެސް، ބަންދުން ދޫކޮށްދިނުމަށެވެ.

ގާޒީ ފާއިޒް ނިންމެވީ ތުހުމަތުވާ މީހާ އާއި މަސްތުވާތަކެއްޗާ ގުޅުވައިދެވޭ ސީދާ ހެއްކެއް ނެތުމާއި ބަލި ހާލަތަށާއި މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލުމަށެވެ. ބަންދުން ދޫކޮށްލީ ޝަރުތަކަކަށް އެއްބަސްވާ ގޮތަށެވެ.