27 ޑިސެމްބަރ 2023 - 15:08

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއް ޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، އެ މިނިސްޓްރީ އަދި ކަމާގުޅޭ އެހެނިހެން އިދާރާތައް ހިމެނޭ ގޮތަށް ކޮމިޓީއެއް އުފެއްދީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އެ މަސައްކަތް ހަމަ އެ ދުވަހު ފަށާފައިވާ ކަމަށެވެ.
އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި، ވެހިކަލް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދަނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެ މިނިސްޓްރީން އަންނަނީ ބޭރުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ފަންނީ ތަޖުރިބާރުންގެ އެހީއާ އެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މި ދިރާސާގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގައި އާދަޔާ ހިލާފަށް ވެހިކަލްތައް ގިނަވުމުގެ މައްސަލަ ބޮޑުވެފައިވާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، މިހާތަަނަށް އެއްވެސް ސަރުކާރަކުން އެކަމަށް ހައްލެއް ހޯދިފައެއް ނެތެވެ.