ލަންކާގައި ގޭންގު ހިންގާ 30 މީހަކު ހައްޔަރުކޮށް ގައުމަށް ގެންދަނީ
ލަންކާގައި ގޭންގު ހިންގާ 30 މީހަކު ހައްޔަރުކޮށް ގައުމަށް ގެންދަނީ

ގައުމުން ބޭރުގައި ތިބެގެން ސްރީ ލަންކާގައި ކުށުގެ އަމަލުތައް ރާވައި ހިންގާ 30 މީހަކު ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް އެ ގައުމުން ފަށައިފި އެވެ.

ލަންކާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ޓިރަން އަލޭސް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ހައްޔަރުކުރަން ބޭނުންވާ މީހުންގެ ތެރެއިން 29 މީހަކު އުޅެނީ ދުބާއީގައި ކަމަށެވެ. އަދި އެކަކު ފްރާންސްގައި އުޅޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މީހުން ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވާ ކަމަށެވެ. އަދި ޔޫއޭއީ އާއި ފްރާންސާ އެކު މިހާރު ދަނީ އެ މީހުން ހައްޔަރުކޮށް އަނބުރާ ލަންކާއަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައްޔަރުކުރަން ބޭނުންވާ 30 މީހުންނަކީ ލަންކާގައި ކުށުގެ އަމަލުތައް ހިންގާ މީހުންގެ ލީޑަރުން ކަމަށެވެ. އެ މީހުން ގެންދަނީ ކުށްތައް ރާވައި އެކި ގޮތްގޮތުން އެހީވަމުން ކަމަށް ވިދާޅުވި އެވެ. މި އެންމެންނަކީ ވެސް މިދިޔަ 10 އަހަރު ތެރޭ އެކި ދުވަސްވަރު ލަންކާ ދޫކޮށް ފިލައިގެން ގޮސްފައިވާ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގައި މި ފަހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެ އޮޕަރޭޝަންގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 4،000 މީހުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ވެހިކަލް ވަނީ ހިފަހައްޓައިފަ އެވެ.