ބައްސާމުގެ އެކްސްކޯ މެންބަރު މުފާ ވެސް އެފްއޭއެމްގެ އިންތިހާބަށް ކުރިމަތި ލައްވައިފި
ބައްސާމުގެ އެކްސްކޯ މެންބަރު މުފާ ވެސް އެފްއޭއެމްގެ އިންތިހާބަށް ކުރިމަތި ލައްވައިފި

އަންނަ މަހު 31 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވަން، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) ފޯމު ހުށަހަޅައިފި އެވެ.

ކްލަބް އީގަލްސްގެ ސީއީއޯގެ މަގާމުގައި އަދާ ކުރަމުން އަންނަ، މުފާ ވަނީ ބައްސާމްގެ ފުރަތަމަ ދައުރުގެ ފަހު ކޮޅުން ފެށިގެން އޭނާގެ އެކްސްކޯ މެންބަރުކަން ކުރައްވަމުންނެވެ.

މަޖިލީހުގެ ހަތަރު މެންބަރަކު، އެކްސްކޯ އަށް ލައްވައިގެން، އިންތިހާބަށް ނުކުންނެވި ބައްސާމްގެ ފުރަތަމަ ދައުރުގެ ވަކި ހިސާބަކުން، އެ މެންބަރުންނަށް އެކްސްކޯގެ މަގާމުތައް ގެއްލުމުން، ބަދަލުގައި އެކްސްކޯ އަށް އައްޔަން ކުރި މީހުންގެ ތެރޭގައި މުފާ ވެސް ހިމެނެ އެވެ.

މެޗިު ކޮމިޝަނަރެއްގެ ހައިސިއްޔަތުން ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި، މުހައްމަދު ހާޝިމުގެ ދަރިފުޅު، މުފާގެ ލީޑާޝިޕްގެ ދަށުން، އީގަލްސް ހިންގަމުން ދާއިރު، އެ ކްލަބުން ވަނީ ފުރަތަމަ ޑިވިޝަނަށް ގިނަ އަދަދަކަށް ކުޅުންތެރިން ނެރފަ އެވެ. އީގަލްސްގައި އެކި ފަހަރުމަތިން ތަފާތު ޗެއާމަނުން ތިއްބެވި ނަމަވެސް ކްލަބް ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ އޭނާ އެވެ.

އެފްއޭއެމްގެ އިންތިހާބަށް އޭނާ ކުރިމަތި ލެއްވި އިރު، އަޑު ފެތުރިފައި ވަނީ ބައްސާމްގެ ޓީމުގެ ބޭފުޅެއްގެ ގޮތުގަ އެވެ. ތިންވަނަ ދައުރަކަށް ވާދަ ނުކުރައްވާނެކަން ބައްސާމް ވަނީ އިއުލާން ކުރައްވައިފަ އެވެ.

އިންތިހާބަށް މުފާ ހުށަހެޅި އެކްސްކޯ ގައި ވެސް ބައްސާމްގެ އެކްސްކޯގެ މިހާރުގެ މެންބަރު އަހްމަދު ޝަކީބާއި ކުރިން އެކްސްކޯއިން އިސްތިއުފާ ދެއްވި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ހިމެނެ އެވެ.

މުފާގެ އެކްސްކޯގެ އެއް ނައިބު ރައީސަކީ މުއާވިޔަތެވެ. ސީނިއާ ނައިބު ރައީސް އަކީ ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ.

އެކްސްކޯގައި ދެން ހިމެނެނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކުޑަ ހެންވޭރު ޓީމު އަދި ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ކުރީގެ ޑިފެންޑަރު އަދި ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މިރްފަތު އަދި ބުރުގެ މުހައްމަދު ހަސަން އެވެ.