12 ފެބުރުއަރީ 2017 - 15:39

ގައުމީ ފުޓްބޯޅަ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތިން ގައުމަކުން ދައުވަތު ލިބިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީމަށް ދައުވަތު ލިބިފައިވަނީ ސްރީ ލަންކާ އާއި މިޔަންމާ އަދި އަފްގާނިސްތާނުންނެވެ.
އޭޝިއަން ކަޕް ކޮލިފައިން އަންނަ މާޗް މަހު ފަށާއިރު ގައުމީ ޓީމުގެ ތައްޔާރީތައް ރަނގަޅަށް ގެންދިއުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގައުމީ ޓީމުގެ ކަންތައްތައް އިންތިޒާމް ކުރުމަށް ހާއްސަ ކޮމިޓީއެއް ވެސް އެފްއޭއެމުން ވަނީ އެކުލަވާލައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު "މިހާރަ"ށް ވިދާޅުވީ ލިބިފައިވާ ދައުވަތުތަކުގެ ބޭނުން ހިފުމާމެދު ގޮތެއް ނިންމުމަށް ކޮމިޓީއާ މަޝްވަރާ ކުރާނެ ކަމަށެވެ.
"ކޯޗު އައީމަ ކޮމިޓީއާ އެކު މަޝްވަރާ ކޮށްފައި ގޮތެއް ނިންމާނީ. މި ވަގުތު ލިބިފައިހުރީ ހުސް އަވޭ މެޗުތައް. އެކަމަކު ވިސްނުން އެބަހުރި ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ހޯމް މެޗުތަކެއް ވެސް ކުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" ބައްސާމް ވިދާޅުވި އެވެ.
ހާއްސަ ކޮމިޓީގެ ޗެއާޕާސަނަކަށް އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖެއްސިއިރު، ދެން ހިމެނެނީ އެފްއޭއެމް އަށް ގެންނަން ނިންމާފައިވާ ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރާއި ސީނިއަ ގައުމީ ޓީމުގެ ހެޑް ކޯޗް ޑަރެން ސްޓެވާޓާއި ސީނިއަ ގައުމީ ޓީމުގެ ފިޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ. އަބްދުﷲ ރާފިއުގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އަދި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗު ޖަޕާންގެ ރިއޯ ނައޯކޯ ކަމަވޯޓޯ އެވެ.
ގައުމީ ޓީމުގެ ކޯޗު ސްޓެވާޓް މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި މާޗު 28 އިން ފެށިގެން އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހާ ހަމަޔަށް ރާއްޖެ އަށް މެޗުތައް އޮންނާނެ އެވެ. އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެއް ގްރޫޕެއްގައި ރާއްޖެ އޮތްއިރު، ފުރަތަމަ މެޗުގައި އަންނަ މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ކުޅޭނީ މާލޭގަ އެވެ.