27 ޑިސެމްބަރ 2023 - 06:35

އާދިއްތަ ދުވަހާ ގުޅޭ
ފަރްހާ ބަލައިލި އިރު ތޫބާ ވެސް ތުންފަތުގައި ޖައްސައިފައިހުރީ ކޮކޯ ފްލޭޝްއެވެ. ލާނެތް ގޮތަކަށް ފަރްހާ ހިނިތުންވެލިއެވެ. ހިތަށްއެރިއެވެ. ލުބާނާ ދެކެ އެހައި ހިތްހަމަނުޖެހިގެންހުރެ ވެސް ކޮޕީ މި ކުރަނީ ލުބާނާ ކުރާ ކަންކަމެވެ. ވެގެން މި އުޅެނީ ކީއްކަމެއް އޭރު ވެސް ފަރްހާއަކަށް ނޭނގެއެވެ. ތޫބާއަކަށް ފަރްހާގެ މޭކަޕާ މެދު ވިސްނޭ ވަރެއް ނޫނެވެ. ތޫބާ ހުރީ މާ ބޮޑަށް ހިތް ނުތަނަވަސްވެފައެވެ. ގެއަށް ރަޒީން އަންނާތީއެވެ.
ތޫބާއަށް ރަޒީން ފުރަތަމަ ފެނުނީ ލުބާނާގެ ގެއިންނެވެ. އޭރު ވެސް ރަޒީނަކީ ލުބާނާގެ ކާކުކަން ތޫބާއަށް އެނގެއެވެ. އެހެނަސް، ފެނުނު ފުރަތަމަ ފަހަރު ވެސް ރަޒީން ކަމުދިޔުމުގައި ތޫބާގެ ކުށެއް އޮތްކަމަކަށް ތޫބާ ގަބޫލެއް ނުކުރެއެވެ. ތޫބާގެ ނަޒަރުގައި، ކުށަކީ އެ ވާހަކަ އެހެން މީހެއް ގާތުގައި ބުނުމެވެ. އެ ލޯބި ހޯދަން މަސައްކަތްކުރުމެވެ. އެއިން އެއްވެސް ކަމެއް ތޫބާ ނުކުރެއެވެ. އޮތް އެއްޗެއް އޮތީ ހިތުގައެވެ. ތޫބާޔާ ދިމާއަށް ރަޒީން ލޯބިން ބަލައިލިހެނެއް ވެސް ތޫބާއަކަށް ހިޔެއްނުވެއެވެ. އެކަމަކު ތޫބާއަށް ހުވަފެނުން ރަޒީން ނުފެންނަ ރެޔެއް މަދެވެ. ހުވަފެނުގައި ތޫބާއާއި ރަޒީން ރައްޓެހިވެ، ކައިވެނި ވެސް ކޮށްފިއެވެ. ރަޒީންއަކީ ތޫބާގެ ހުވަފެނީ ފިރިމީހާއެވެ. ނިދުމާއެކު އެއީ ހަގީގަތެކެވެ. ހޭލެވުމާއެކު އެއީ ހުވަފެނެކެވެ. ތޫބާގެ ސިކުނޑި ކެނޑިނޭޅި ތޫބާއަށް ވިސްނައިދިނުމުން ވެސް، ހިތް އެ އަޑެއް ނޭހިއެވެ.
ލުބާނާގެ ގެއަށް ވަންނަން ތޫބާ ބޭނުން ނުވާ އިރު، ރަޒީން ދެކިލަން ތޫބާގެ ހިތްއެދެއެވެ. ދެން ހަދަންވީ ގޮތެއް ނޭނގި ތޫބާ ހުރީ ދެކަފި މަގެއްގެ މެދުގައި ހައްޔަރުވެފައެވެ. ރަޒީން ގަޔާވާ ސިފަތަކަށް ތޫބާ ލަންބުވަނީ ތޫބާގެ ހިތެވެ. އެ ޒިންމާ ތޫބާއެއް ނުއުފުލާނެއެވެ. ތޫބާ ދެކޭ ގޮތުގައި، އަންބެއްގެ ވާޖިބަކީ ކޮބައިކަމެއް ލުބާނާއަކަށް ނޭނގެއެވެ. ލުބާނާއަށް ވުރެ ހެޔޮ އަންބެއް ރަޒީނަށް ހައްގެވެ. ތޫބާ އިންތިޒާރުކުރަނީ ރަޒީންގެ ވިސްނުން ބަދަލުވާނެ ދަނޑިވަޅަކަށެވެ. އެ ދުވަހަކުން ތޫބާގެ ހިތް ފޮތެއްހެން ހުޅުވައިލާނެއެވެ. ކެނޑިފައިވާ ތަންތަނާއި، ނޮޅިފައިވާ ތަންތަނާއި، ތަދުވެފައިވާ ތަންތަން ރަޒީނަށް ދައްކާނެއެވެ. ފަރުވާކޮށްދިނުމަށް ވެސް އެދޭނެއެވެ.
"ދޮންތާ!" ތަންކޮޅެއް ބާރަށް ފަރްހާ ގޮވައިލި އަޑުއިވުނެވެ.
ސިހިފައި ތޫބާ ބަލައިލިއެވެ. ކޮން ހިޔާލެއްގައިހޭ، އަތުގެ އިސާރާތުން ފަރްހާ އެހިއެވެ. އެ ވަގުތު ތޫބާ ހިތަށްއެރިއެވެ. ފަރްހާއަށް ހަގީގަތް ކިޔައިދޭންވީއެވެ. އޭރުން ހިތަށް ލުއިވާނެއެވެ. ފަރްހާއަށް ލުބާނާ މެސެޖު ފޮނުވީ ވެސް ހަމަ އެ ވަގުތުއެވެ.
"ސިޑިން އަރަނީޔޯ!" ތެޅިގެންފައި ފަރްހާ ބުންޏެވެ.
ދޮރު ހުޅުވަން ދާން ތޫބާއަށް ހަރަކާތް ނުކުރެވިގެން އުޅެނިކޮށް ފަރްހާ ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. އޭރު ލުބާނާ ހުރީ ދޮރުމަތީގައެވެ. ލައިގެންހުރީ ކުދި، ފެހި މާތަކެއް ޖަހައިފައިވާ ހުދު ހެދުމެކެވެ. ހެދުން ލުބާނާޔާ ވަރަށް ގުޅެއެވެ. އޭނަގެ ރީތިކަން އިތުރުކޮށްދެއެވެ. އެކަމަކު ލުބާނާ ދެކެ ލޯބިވާ އެކަކު ވެސް އެ ތާކު ނެތެވެ. ފަރްހާއާއި ތޫބާ ހޫނު މަރުހަބާއެއް ކިއި ނަމަވެސް، އެއީ ދެއްކުންތެރިކަމެވެ. އެ ދެބެންގެ ހިތުގައި އެނބުރެމުންދިޔައީ މުޅީން އެހެން ސުވާލެކެވެ. ރަޒީން ކޮބައިހެއްޔެވެ؟ ލުބާނާ އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ.
"ލުބާ އެކަނިތަ ތި އައީ؟" އެހެން އަހަން ކެރުނު ފަރްހާ އެހިއެވެ.
"އޭނަ އެބަ އުޅޭ ސައިކް ޕާކްނުކުރެވިގެން،" ލުބާނާ ބުންޏެވެ. "ކުރެވުނު އިރަކުން އަންނާނެއްނު، ބަހައްޓާ!"
"އަޅޭ!" ފަރްހާ ބުންޏެވެ. "އެހެން ހަދާކަށް ނުވާނެ. އޭނަ އަތަކު ކީޓެގެއް ވެސް ނޯންނާނެއްނު!"
"ދެން ދޮރުމަތީގަ ހުރެދާނެއްނު!" ހީނގެންފައި ލުބާނާ ބުންޏެވެ. "އޭނަޔާ ހެދިޔޭ މިހާ ލަސްވީ ވެސް. އަންހެނަކަށް ވުރެ ކަންތައް ބޮޑު. ސީރިޔަސްކޮށް! ހީވަނީ ފެޝަންޝޯއަކަށް ރެޑީވާހެން. ފަހަރަކު ގަމީހެއް ލާފަ، މި ރީތިތަ؟ މި ރީތިތަ؟ މި ގޭގަ ކާކުތަ އުޅެނީ އޭނަ ބަލަން؟"
އެ ސުވާލަކަށް އެކަކު ވެސް ޖަވާބެއްނުދިނެވެ. ދެވެން ވެސް ނެތީއެވެ. ލުބާނާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެއީ ރަޒީންގެ ކޯލެއްކަން ލުބާނާއަށް އެނގެއެވެ.
"އެ އުޅެނީ ނުވަދެވިގެން،" ހީނގެންފައި ލުބާނާ ބުންޏެވެ. "އިރުކޮޅަކު ބަހައްޓާލާ! މަޖާވާނެ."
ރަޒީނަށް ދޮރު ހުޅުވައިދޭން ދާން ތޫބާ ހިތަށްއެރި އިރު ފަރްހާ ހިނގައްޖެއެވެ. އެ ފަދަ ކޮންމެ ފަހަރަކު ވެސް ފަރްހާ އުޅެނީ މާ ކުރީގައެވެ. ތޫބާއަށް ތަންކޮޅެއް ލަސްކޮށްލެވެނީއެވެ. ތޫބާ އައިސް ލުބާނާ ކައިރީގައި އިށީނެވެ. ތޫބާގެ މަންމަ ސަފިއްޔާ ކޮޓަރިއަކުން ނުނިކުމެއެވެ. ނުކުންނަ ހިތެއް ވެސް ނެތެވެ. ދަރިންނަށް ވަގަށްގޮވި ދޮންދަރިޔަކަށް ދޭނެ ލޯތްބެއް ސަފިއްޔާގެ ހިތަކު ނެތެވެ. ފަރްހާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރާށި ހުޅުވިއެވެ. ރަޒީން ދޮރުމަތީގައި ހުއްޓެވެ.
"އޭރު ވެސް އެނގޭ ފަރޫކަން އަންނާނީ." ރަޒީން ބުންޏެވެ.
"އެއީ ކިހިނެއް އެނގެނީ؟" ފަރްހާ އެހިއެވެ.
"ކެއަރކުރާ މީހެއްނު އަންނާނީ،" އެއްވެސް ޖެހިލުމެއް ނެތި ރަޒީން ބުންޏެވެ. "ތި ކުލަ ފަރޫއާ ވަރަށް ގުޅޭ!"
ރަޒީން އެތެރެއަށް ވަނެވެ. އޭނަ ބުނީ ކޮން ކުލައެއްގެ ވާހަކަކަން ފަރްހާއަށް ރަނގަޅަށް އެނގުނެވެ. އެކަމަކު، ރަޒީން ލައްވައި ބުނުވަން ބޭނުންވިއެވެ.
"މި ޑްރެސްގެ ކުލަތަ؟" ހެދުމަށް އިސާރާތްކޮށްލަމުން ފަރްހާ އެހިއެވެ.
"ލިޕްސްޓިކް!" ރަޒީން ބުންޏެވެ. "ހީވަނީ ރިއަލްހެން."
ދެމީހުން އެކުގައި ސިޑިން މައްޗަށް އެރިއެވެ. ސިޑި ހަނިކަމުން އެކަކު ހުރީ ކުރީގައެވެ. ފަހަތުގައި ހުރީ ރަޒީނެވެ.
"އެއީ ރިއަލްއޭ!" ސަމާސާ ރާގެއްގައި ފަރްހާ ބުންޏެވެ. އަދި ހުއްޓިފައި އެނބުރިލިއެވެ. "ބަލަ އުހުނ! މިހިރީނު!"
ދެމީހުން އެކުގައި އެޕާޓުމަންޓަށް ވަނެވެ. ރަޒީން އިށީނީ ލުބާނާ ކައިރީގައެވެ. ފަރްހާ ދިޔަ ގޮތަށް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ. ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. ރަކިވެފައިވާ ފަރްހާގެ މޫނަށް ފަރްހާ ބަލައިލިއެވެ. ހިތުވިންދު ހަމައަކަށް އެޅޭނީ ކިހައި އިރަކުންކަމެއް ފަރްހާއަކަށް ވެސް ނޭނގެއެވެ. އެނގޭކަމަކީ ހިތްފުރިއްޖެކަމެވެ. ލޯބީގެ ބަގީޗާގައި ގުރުޑުވެފައި ގަހެއް ހުރި ނަމަ އެ ގަހަށް ވެސް ދިރުންލިބި މާތައް ފޮޅިއްޖެކަމެވެ. ފަސްގަނޑުގެ ހަނަފަސްކަން ފިލައި، ދިރުންލިބިއްޖެކަމެވެ. ކޮކާލަކަށް ވެގެން އުދެހެމުންއައި ފަރްހާއަށް ތިރިކުރަންވީ މާ ފެނިއްޖެކަމެވެ. ކުއްލިއަކަށް ދޮރުގައި ހިފިއަޑާއި ޓަކިދިން އަޑަށް ފަރްހާގެ ހުވަފެނީ ސައިބޯނިބޮކި ފެޅުނެވެ. އަވަސްއަވަހަށް ލިޕްސްޓިކު އާކޮށްލައިފައި، ދޮރު ހުޅުވިއެވެ.
"ކީއްތަ ތި ކުރަނީ؟" ތޫބާ އެހިއެވެ. "ހިނގާބަލަ ކާން!"
ދެބެން އެކުގައި ގޮސް ކާން އިށީން އިރު ލުބާނާއާއި ރަޒީން ތިބީ އިށީނދެގެންނެވެ. މޭޒުގެ އެއްފަރާތުގައެވެ. ރަޒީންއާ ޖެހިގެން އިންނަންވެގެން ތޫބާ އިށީނީ މޭޒުގެ ކޮޅުގައެވެ. ފަރްހާ އިށީނީ ރަޒީންގެ ކުރިމަތީގައި، މޭޒުގެ އަނެއް ފަރާތުގައެވެ. އެކި ވާހަކަދައްކަމުން ކެއުން ފެށިގެން ކުރިޔަށްދިޔައެވެ. ފަރްހާޔާ ދިމާއަށް ރަޒީން ވަރަށް ބެލިއެވެ. ފަރްހާ މަސައްކަތްކުރީ ރަޒީނަށް ނުބަލާށެވެ. ކިރިޔާ ވެސް ސަމާލުކަމެއްދިން ނަމަ، ކޮންމެ މީހަކަށް ވެސް އެ ކަން ފާހަގަވީހެވެ. ރަޒީން އެއްޗެއް އަޅަން ތަށި ދިއްކޮށްލާ އިރަށް ތޫބާ އެ ކަން ކޮށްދެއެވެ. ފިރިޔަކަށް ކޮށްދޭ ފަދަ ޝުކުރުވެރި ހިތަކައިގެންނެވެ.
"އޯ ނޯ!" ފުންމައިގެން ތެދުވަމުން ލުބާނާ ބުންޏެވެ. "ޓޮއިލެޓް ކޮބާ؟"
ދަބަސް ހިފައިގެން ލުބާނާ ތެދުވުމުން އެހެން އެކަކު ވެސް ނުތެދުވިއެވެ. ފަރްހާ ބަލައިލީ ތުބާއަށެވެ. ތޫބާ ބޭނުންވީ ފަރްހާ ތެދުވާށެވެ. ލުބާނާޔާ ބޮޑަށް ގާތްކޮށް އުޅެނީ ފަރްހާކަމުގައިވީތީއެވެ. ފަރްހާ ނުތެދުވުމުން ތޫބާ ތެދުވިއެވެ. އެއީ ލޮލަށް އައިބުވުމުގެ ކުރިން ހިނގައި ނިމުނުކަމެކެވެ. ތޫބާއާއި ލުބާނާ ދިޔުމުން ފަރްހާއާއި ރަޒީން އެކަނިވިއެވެ. އެ ވަގުތު ރަޒީންގެ ފައިތިލައިން ފަރްހާގެ ފައިގައި ފިރުމައިލިއެވެ.
"ކޮން ކަމަކާ މާ ނަރވަސްވެފަ ތި އިންނަނީ؟" ވަރަށް މަޑުމަޑުން ރަޒީން އެހިއެވެ. "ތަންކޮޅެއް ރިލެކްސްވެބަލަ!"
"ހާދަ ގޯހޭ!" ލާނެތް ރާގަކަށް ސިއްރުން ފަރްހާ ބުންޏެވެ. "މީހަކަށް ފެނުނު ނަމަ.."
"ކިހާ ރަނގަޅުވީސް؟" ރަޒީން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"ރަނގަޅެއް ނުވާނެ. މިހާރު ވެސް ވައިފަށް ޝައްކުވެއްޖެކަން އެނގޭތަ؟" ކުރިޔަށް ވުރެ ސިއްރުން ފަރްހާ ބުންޏެވެ. "އަހަންނޭ ރަޒީން މި ސަލާމަތްކޮށްދެނީ. ކޮފީދޭންޖެހޭނެ."
އެ ވަގުތު ތޫބާއާއި ލުބާނާ ކޮޓަރިން ނުކުމެގެން، ހެމުންހެމުން އަންނަ ތަން ފެނުނެވެ.
"ނޫނޭވާ މީ ޝައްކުބަލި ބޮޑު ކުއްޖެއް." ތޫބާ ބުންޏެވެ.
"ޕެނިކްވާނެއްނު!" ލުބާނާ ބުންޏެވެ. "މީ ވައިޓް ހެދުމެކޭ! އޭ ރަޒީން! އެއްކަލަ ޓްރިޕްގަ އެންމެން އެއްކޮށް ދާންވީނު؟ މީ ހަމަ އެއް ފެމެލީއެއްނު!"
ފަރްހާއާއި ތޫބާއަކީ ލުބާނާގެ އާއިލާއޭ ބުނުމުން އެ އަޑުއަހާކަށް ދެބެންނަކަށް ވެސް ފަސޭހައެއް ނުވިއެވެ. ލުބާނާ އެ ދަތުރުގެ އިތުރު ތަފުސީލު ދިނެވެ. ދާން ހަމަޖެހިފައިވަނީ ރިސޯޓަކަށެވެ. ރަޒީން ރައްޓެއްސެއްގެ ރިސޯޓެއްކަމުން އެ ދަތުރަކަށް ފައިސާ ހަރަދުކުރާކަށް ނުޖެހެއެވެ. ރަޒީން ވަގުތުން އެއްބަސްވިއެވެ. ތޫބާ ވެސް ދަތުރަށް ތައްޔާރެވެ. ފަރްހާއަކަށް ގޮތެއް ނުނިންމުނެވެ.
"މިދުވަސްކޮޅު އޮފީސް ވަރަށް ޓައިޓްކޮށް އުޅެނީ." ފަރްހާ ބަހަނާއެއް ދެއްކިއެވެ.
ޖެހިގެންއައި ދުވަހުގެ ބޮޑު މައުލޫއަކީ އެއީއެވެ. އެ ދަތުރުދާން ތޫބާ ކޮންމެހެން ވެސް ބޭނުމެވެ. ރަޒީންއާ ވާހަކަދައްކަން ފުރުސަތުލިބޭނެތީއެވެ. ރަޒީން ބޭނުންވަނީ ފަރްހާ ގެންދާށެވެ. ހަމަ އެ ނިޔަތުގައެވެ. ރަޒީންގެ ލާނެތްކަން ފަރްހާއަށް ތަޖުރިބާކުރެވިއްޖެއެވެ. ފަރްހާގެ ބިރަކީ އެއީއެވެ. ސަމާސާ ވިހަވެދާނެތީއެވެ. އެނބުރި ނާދެވޭހައި ދުރަށް ފަރްހާއަށް ދެވިދާނެތީއެވެ.
"އަހަރެން ނުލާ ދޮންތަ ދާންވީނު؟" ފަރްހާ އެދުނެވެ. "އަހަންނަށް އޯކޭއޭ!"
"އެކަމަކު އޭރުން މަޖައެއް ނުވާނެ،" ތޫބާ ބުންޏެވެ. "އަޅެ ޕްލީޒް ޕްލީޒް!"
ލޯމަރައިލާފައި ފަރްހާ އެއްބަސްވިއެވެ. ހަމަ އެކަނި ތޫބާއަށް ޓަކައެވެ. ދަތުރުދާން ނިންމި ވާހަކަ ލުބާނާ ގާތުގައި ފަރްހާ ބުންޏެވެ. ދަތުރުގެ ހުރިހައި ކަމެއް ހަމަޖެހި، ފުރަން ދެތިން ގަޑިއިރަށްވެފައިއޮއްވައި، އޮފީސް ދަތުރެއްގައި ތޫބާ އައްޑޫއަށް ފުރަންޖެހުނެވެ. ތޫބާއަށް ރިސޯޓަށް ނުދެވޭނެތީ ތޫބާ ބޭނުންވީ ފަރްހާ ވެސް ނުދާށެވެ. ލުބާނާ ބޭނުންވީ ފަރްހާ ގޮވައިގެން ފުރާށެވެ.
ނުނިމޭ