ރައީސް ވިދާޅުވީ ދިވެހީންގެ މެދުގައި އޮތް ގުޅުމަށް ފަރުވާ ބޭނުންވާ ކަމަށް
ރައީސް ވިދާޅުވީ ދިވެހީންގެ މެދުގައި އޮތް ގުޅުމަށް ފަރުވާ ބޭނުންވާ ކަމަށް

އެކަކު އަނެކެއްގެ އަބުރަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށާއި ދިވެހިންގެ މެދުގައި އޮތް ގުޅުމަށް ފަރުވާ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ފައްޓަވަމުން 2004 ގެ ސުނާމީ ހާދިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ހަނދާން އާ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ދުވަސްވަރު ދިވެހިން އެކަކު އަނެކަކަށް އެހީތެރިވުމަށްޓަކައި އެއްވެސް އުޖޫރައަކާ ނުލައި ރަށްރަށަށް ދަތުރު ކުރަމުން ދިޔަ އެވެ. އަދި ހާލުގައި ޖެހުނު މީހުން ރަށަށް އެރުމުން މަރުހަބާ ދެންނެވި ކަމަށާއި ރައްޓެއްސެއް ނުވަތަ ބީރައްޓެއްސެއްތޯ ބެލުމެއް ނެތި އެންމެންގެ ހައްގުގައި އެތައް ގުރުބާނީއެއް ވަމުން އައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ އެއްބައިވަންތަކަމެއް ދައްކާ ސަބަބަކީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކައި، އެއް ނަސްލެއްގެ، އެއް ސަގާފަތްތެއްގެ އަދި ވަކިން ހާއްސަކޮށް އެއް ދީނަކަށް އުޅެމުން އަންނަ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ އެހެން ގައުމުމެއްގައި ނަމަ ލޭ އޮހުރުވުން ހިންގައި ހަނގުރާމަ ކުރާ ފަދަ މައްސަލަތަކެއް ކަމަށާއި ނަމަވެސް އެ ތަފާތު ކަމެއް ދިވެހިންގެ ތެރޭގައި ދުވަހަކު ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިއަދު ދިވެހިންގެ އެ ސިފަތައް ހުރީ ކިހާ ހިސާބަކަށްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"ޝައްކެއް ނެތް މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ އެބަ ބޭނުންވޭ. އަޅުގަނޑުމެން ދިވެހީން އެކަކު އަނެކަކުގެ އަބުރަށް އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެއްބައިވަންތަކަމުގެ ދުވަހު ލިބިގަންނަންވީ ފިލާވަޅަކީ ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމެވެ. އަދި އެކި ނަންނަމުގަ އާއި އެކި ކަންކަމުގައި ބައިބައިވެ އިސްލާމީ އަހުވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށް ނުލުމަށް ރައީސް އެދިވަޑައިގަތެވެ.

ދިވެހިންގެ ކާމިޔާބީގެ އަސްލަކަށް ވާނީ ވެސް އެއްބައިވަންތަ ކުރުވާ ސިފަތަކުގައި ހިފައިގެން އެކުގައި ކުރިޔަސް ދިޔުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީ އެއް ގައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ." ރައީސް ވިދާޅުވި އެވެ.