އެފްއޭއެމްގެ އެކްސްކޯގެ އިތުރު ތިން މެމްބަރަކު އިސްތިއުފާ ދިނުމުން ބައްސާމްގެ މަގާމު ގެއްލިއްޖެ
އެފްއޭއެމްގެ އެކްސްކޯގެ އިތުރު ތިން މެމްބަރަކު އިސްތިއުފާ ދިނުމުން ބައްސާމްގެ މަގާމު ގެއްލިއްޖެ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ އިތުރު ތިން މެންބަރަކު އިސްތިއުފާ ދެއްވުމުން، އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ އޭނާގެ މަގާމު ގެއްލިއްޖެ އެވެ.

އެކްސްކޯ މެންބަރުންގެ ތެރެއިން މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އިސްތިއުފާގެ ސިޓީ "މިހާރު" އަށް ވަނީ ލިބިފަ އެވެ.

ޝާފިއު އާއި ނަޝީދު ވަނީ އެ ސިޓީގެ ސައްހަކަން "މިހާރު" އަށް ކަށަވަރުކޮށް ދީފަ އެވެ. ޝާނީޒުގެ އިސްތިއުފާއާ ގުޅޭ ގޮތުން އޭނާ ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ބައްސާމްގެ އެކްސްކޯގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ މީގެ ދެ މަހެއް ކުރިން ވަނީ އިސްތިއުފާ ދީފަ އެވެ.

ޖުމުލަ ނުވަ މެންބަރުން ހިމެނޭ، އެފްއޭއެމްގެ އެކްސްކޯއިން ފަސް ބޭފުޅަކު އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ހަތަރު ބޭފުޅުންނެވެ. އެހެންވެ މިހާރު ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ ދައުރަށް ހަތަރު މަސް ނުވަނީސް، 2016 ގައި އޭނާގެ މަގާމު ގެއްލުނީ، އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމުންނެވެ.

ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދެއްވި ފަހުން، އެކްސްކޯ މެންބަރުކަމަށް، ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު (ޝިބާ) ވަނީ އައްޔަން ކޮށްފަ އެވެ. ނަމަވެސް ކޮންގްރެސް އަކުން އޭނާ އަށް ރުހުން ދީފައި ނުވާތީ އެކްސްކޯ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު އޭނާ އަކަށް ނުލިބެ އެވެ. އެހެންވެ ގާނޫނީ ހައިސިއްޔަތު ލިބިގެން އެފްއޭއެމްގެ އެކްސްކޯގައި މި ވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.

ރައީސް ބައްސާމް

ނައިބު ރައީސް އަލީ އުމަރު

އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް

އެކްސްކޯ މެންބަރު އަހްމަދު ޝަކީބު (ޑޮކް)